މުޅި މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލަން ޗައިނާއިން އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ގޮވާލައިފިއެވެ.
ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖާއީ ޖޫން، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ކުވެއިތަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭނީ މި ހަނގުރާމަ ފެށި ބަޔަކު ކަމަށެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިޔާން ވިދާޅުވީ، މިފަދަ ޙާލަތްތަކުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ، ނިމުމެއް ނެތް ކުރިމަތިލުންތަކެއްގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.
މިގޮތުން، މި ހަނގުރާމަ އިތުރަށް ދިގުލާނަމަ، މުޅި ސަރަޙައްދަށް މި ކުރިމަތިލުންތައް ފެތުރި، މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، މީގެ 23 އަހަރު ކުރިން އިރާޤަށް އެމެރިކާއިން އިސްވެ އަރައި ފެށި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މިއަދުވެސް އިރާޤުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިރާޤާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި ސައްދާމް ޙުސައިންގެ ވެރިކަން ނިމުމަކަށް ގެނެވުނުނަމަވެސް، މުޅި ޤައުމުގެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި 100،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ލިން ޖިޔާން ވިދާޅުވީ، އިރާޤަށް ކުރިމަތިވެފައިވާ ޙާލަތުން ފިލާވަޅު ލިބިގަނެ، ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލަންޖެހޭ ކަމަށެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ތެހްރާނުން ދަނީ އެ ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށް ޓަކައި ވަރުގަދަ އަސްކަރީ ރައްދެއް ދެމުންނެވެ.
މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅަކީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ ބަންދެވެ. ހުރްމުޒް ހުރަސްކޮށް ދަތުރު ކުރުމަށް ތެހްރާނުން ހުރަސް އަޅަމުން ދަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު މަގު ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.