ޚަބަރު

އަތޮޅު އޮފީސް އުވާލުމުން ޚިދުމަތްތަކަށް އުނިކަމެއް ނާންނާނެ


  • ވަޒީރު ވިދާޅުވީ ޤާއިމުކުރާނީ އެލްޖީއޭގެ އޮފީހެއް ކަމަށް

  • މުވައްޒަފުންނަށް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމަށްވެސް ވިދާޅުވީ

އަތޮޅު އޮފީސްތައް އުވާލި ނަމަވެސް، ރަށްރަށާއި އަތޮޅުތަކަށް ލިބެމުންދާ ޚިދުމަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން، އެ އިދާރާތަކުގައި ދެން ޤާއިމުކުރާނީ އެލްޖީއޭގެ އޮފީސްތަކެއް ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އަތޮޅު ކައުންސިލްތަކާއި އޮފީސްތައް އުވާލިނަމަވެސް، އޮފީހުގެ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން އަތޮޅު އޮފީސް އުވާލުމަށްފަހު، ދެން އެތަންތަން ޤާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށެވެ.

އަތޮޅު އޮފީސް އުވާލި ނަމަވެސް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މުވައްޒަފުންނަށްވެސް ވަޒީފާގެ ގޮންޖެހުމެއް ކުރިމަތި ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އާއްމުކޮށް ދޭ ހުރިހާ ޚިދުމަތްތައް ހަމަ ދެމުންދާނީ. އައިޑީ ކާޑު ހެއްދުމާއި އާއްމު އެހެނިހެން ޚިދުމަތްތައް. މުވައްޒަފުންނަށްވެސް ގޮންޖެހުމެއް ނުހުންނާނެ. އެ އޮފީހަށް އަތޮޅު އޮފީހުގެ އެންމެހާ ތަކެއްޗާއި ވަސީލަތްތައްވެސް ހަމަޖައްސާނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި އޮފީސްތައް ޤާއިމުކުރުމުން ރަށްރަށަށް އަދި އަތޮޅުތަކަށްވެސް ލިބެމުންދާ ޚިދުމަތްތަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅު އޮފީސްތަކަށް ލިބެމުން ދިޔަ ފައިސާވެސް، އެ އުސޫލުގެ ދަށުން ލިބެމުންދާނެ ކަމަށެވެ.