ޚަބަރު

12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ޤާނޫނީ ބާރެއް ނުހިނގާނެ


  • ޓެރިޓޯރިއަލް ވޯޓަރއަކީ 0-12 ނޯޓިކަލް މޭލު ސަރަޙައްދު

ރާއްޖެ ސަރަހައްދުގެ 12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ޤާނޫނީ ބާރެއް ނުހިނގާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާއިން މިހެން ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރަން ހުއްދަ ދިންކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް)ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނަކީ ޤާނޫނު ނަންބަރު 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު")އެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، މި ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށެވެ.

ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުޞޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ޤައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ، އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ސަރަޙައްދުތަކެކެވެ.

މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ، އިންޓަރނޭޝަނަލް އެއަރ ސްޕޭސްއެވެ. އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ހިމެނޭ ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭއިރު، މި ސަރަޙައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށްދިނުން ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އެއަރސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ނަމަވެސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށްވެސް އެވުޒާރާއިން ވަނީ ވިދާޅުފައެވެ.

ކަނޑުގެ ސަރަޙައްދު ކަނޑައެޅޭ ގޮތް:

ބޭސް ލައިން – ރާއްޖޭގެ ބިން ހިމެނޭ ކަނޑުގެ ސަރަޙައްދު

ޓެރިޓޯރިއަލް ވޯޓަރ – 0-12 ނޯޓިކަލް މޭލު – ކަނޑާއި ވައިގެ މަގުގެ ފުރިހަމަ ޙައްގު އެ ޤައުމަކަށް ލިބޭ ސަރަހައްދު

ކޮންޓިޖަސް ޒޯން – 12-24 ނޯޓިކަލް މޭލު – އެ ޤައުމެއްގެ ކަނޑުގެ ސަރަޙައްދުގެ ގޮތުގައި ބަލާ ސަރަޙައްދު

އެކްސްކްލޫސިވް އިކޮނޮމިކް ޒޯން – 24-200 ނޯޓިކަލް މޭލު – ޤުދުރަތީ ވަސީލަތްތައް އަދި އިޤްތިސާދީ ހަރަކާތްތަކުގައި ޤައުމުން ބަސް ކިޔާ ސަރަޙައްދު

އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް – 200 ނޯޓިކަލް މޭލުން ބޭރު

ފްލައިޓް އިންފޮމޭޝަން ރިންގް – ވައިގެ ސަރަޙައްދުގެ ރައްކާތެރިކަން އަދި ވައިގެ ޓްރެފިކް މަޢުލޫމާތު ފޯރުކޮށްދޭ ސަރަޙައްދު

ސަރޗް އެންޑް ރެސްކިއު ރީޖަން – މިފަދަ އޮޕަރޭޝަންތައް ގެންދިއުމުގައި އެ ޤައުމަކުން ޒިންމާވާ ސަރަޙައްދު

ކަނޑާއި ވައިގެ ސަރަޙައްދުގައި އެ ޤައުމަކަށް ފުރިހަމަ ބާރު ލިބި، ޤާނޫނު ހިނގާނީ 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަޙައްދަށެވެ. ދެން ހިމެނޭ ސަރަޙައްދުތަކަކީ، އެ ޤައުމެއްގެ ބެލެހެއްޓުންތެރިކަން ހިމެނޭ ސަރަޙައްދުތަކެވެ. ނަމަވެސް 12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަޙައްދަށް ހުއްދަ ދިނުމާއި، ނުދިނުމަކީ އެއީ އެ ޤައުމެއްގެ ކޮންޓްރޯލްގައި އޮންނަ ކަމެއް ނޫން ކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ޤައުމަކަށް ހަމަލާދޭން ރާއްޖޭގެ ސަރަހައްދު ބޭނުންކުރުމަށް ހުއްދަ ނުދެއްވާނެކަމަށް ސަރުކާރުން ވަނީ މީކުރިންވެސް ވިދާޅުވެފައެވެ.