ޚަބަރު

ދުޝްމަނުންގެ ބޯޓުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް އެޅޭނެ ފިޔަވަޅެއް: ޢަރާޤްޗީ


އެމެރިކާއާއި ޔަހޫދީ ބޯޓުތަކަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް މި ޙާލަތުގައި ޝަރުޢީ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.

އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޢުދުވާނީ ޙަމަލާތައް ދީ ހަނގުރާމަ ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚަމަނާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޤައުމުގެ ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް ވެރިން ވަނީ ޝަހީދުކޮށްލައިފައެވެ. ޙަމަލާތަކުގެ ބަދަލުގައި އީރާނުން ވެސް ދަނީ އަމިއްލަ ދިފާޢުގައި ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އެ ގޮތުން ޔަހޫދީ ދައުލަތަށާއި މެދުުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދަލަށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ ހުރުމުޒު ކަނޑުއޮޅި ވެސް އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރި ބޯޓުފަހަރަށް ހުރަސް ނުކުރެވޭނެ ގޮތަށް އީރާނުން ވަނީ ބަންދުކޮށްފައެވެ. އެއާއެކު މީން ޒަމާނަކު ނުއުފުލޭ ވަރަށް ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ވެސް ވަނީ އުފުލިފައެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދާނެ ކަމަށް ބެލެވުނު ހަނގުރާމަ މިހާރު ވަނީ 28 ދުވަހަށް ދެމިގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު، ސީރްގްޔޭ ލަވްރޮފްއާ ފޯނުން ވާހަކަ ދައްކަަވައި ޢަރާޤްޗީ ވިދާޅުވީ އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރި ބޯޓު ފަހަރަށް ހުރަސް ނުކުރެވޭ ގޮތަށް އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އެ ޤައުމަށް އެ ފަދަ ފިޔަވަޅެއް އެޅުމުގެ ހައްޤު ލިބިފައިވާ ފިޔަވަޅެއް ކަމަށެވެ. އެ ކަނޑުއޮޅިން ބޯޓުފަހަރު ހުރަސްކުރެވޭނީ އީރާނުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަރާޤްޗީ އިތުރަށް ވަނީ އެމެރިކާއާއި ޔަހޫދީން ޢާންމުންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެ ގޮތުން މަދަރުސާތަކާއި ހަސްފަތާލުތަކާއި ތާރީޚީ ބިނާތަކަށް ޙަމަލާ ދެމުންދާ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި އީރާނުން އަމިއްލަ ޤައުމު ދިފާޢުކުރުން މަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވާފައިވެއެވެ.