ޚަބަރު

ފުރަތަމަ ފިހަޔަވަހީގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި


  • މި މަސައްކަތް ކުރިއަށްގެންދާނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނާޢި ހަވާލުކޮށްގެން

  • ބީއެމްއެލް އެފޯޑަބަލް ހައުސިންގެ ދަށުން 3260 ހައުސިން ޔުނިޓް އިމާރާތްކުރާނެ

ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި އިމާރާތް ކުރާ 182 ހައުސިން ޔުނިޓު އިމަރާތްކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އެފް ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އިބްރާހިމް ވަހީދު، ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަން އަކީ ރާއްޖޭގައި ފުޅާދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 'އެންމެންނަށް ބޯހިޔާވަހިކަން' ސިޔާސަތަށް މިދަނީ ހަލުވި ދުވެއްޔެއްގައި އަމަލީ ސިފަ އަންނަމުންކަމަށެވެ.

"ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ޚިދުމަތްދޭ ބޭންކަށްވާއިރު، މިފަދަ މަޝްރޫޢެއްގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން ވެސް އުފުލަންޖެހިފައިވާ ދަތިތަކަށް ޙައްލު ލިބުން، ވެގެންދާނީ، އެރައްޔިތުންނަށް ލިބޭ ތަނަވަސްކަމެއް ކަމަށާއި އަދި ބީއެމްއެލްއަށް ވެސް އޭގެ ސަބަބުން ފައިދާވާނެ ކަމަށެވެ.
އަދި މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ، އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބި، އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެ، އަދި މުޖުތަމަޢަށް އެކިގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި،
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.

ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައެވެ.

ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.