އެެމެރިކާއިން ނުރައްކަލުގެ އިންޒާރު ދިނުމަށް ބޭނުންކުރާ މުހިންމު މަތިންދާބޯޓެއް އީރާނުގެ ޙަމަލާއެއްގައި ސުންނާފަތިވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގައި ހުންނަ އަސްކަރީ މަރުކަޒެެއް ކަމަށްވާ ޕްރިންސް ސުލްޠާން އެއާ ބޭސްއށް އީރާނުން ދިން ޙަމަލާގައި ސުންނާފަތިވެފައި ވަނީ ބޮއިންގ އީ-3 ސެންޓްރީ މަރުކައިގެ އެއާބޯން ވޯނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް (އޭޑަބްލިޔުއޭސީއެސް) މަތިންދާ ބޯޓަކަށެވެ. އެ މަތިންދާ ބޯޓުގައި ހަރުކޮށްފައި ހުންނަ ޒަމާނީ ރާޑަރެއް ބޭނުންކޮށްގެން އެހެން މަތިންދާ ބޯޓާއި މިސައިލް އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުން ދެނެގަނެއެވެ. އެ އުޅަނދު ބޭނުންކޮށްގެން ވައިގެ ޒަރިއްޔާއިން ހަނގުރާމައިގެ މައިދާނުގެ ޙާލަތު ވަގުތުން ބެލުމަށް އަސްކަރީ ކޮމާންޑަރުންނަށް ފުރުޞަތު ލިބެއެވެ.
މިސައިލްއާއި އެތައް ޑްރޯންއެއް ބޭނުންކޮށްގެން ދީފާއިވާ އީރާނުގެ ޙަމަލާގައި އެ މަތިންދާބޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ނަމަވެސް އިންޓަނެޓުގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އުޅަނދު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އެ އުޅަނދުގެ އިތުރުން ރިފިއުލް ކުރުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ މަތިންދާ ބޯޓަށް ގެއްލުން ލިބިފައިވެއެވެ. އަދި އެމެރިކާގެ 12 ސިފަައިންނަށް ޒަޚަމްވި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި ޙަމަލާގެ ކުރިން އެމެރިކާގެ އަތުގައި ހުރީ މި މަރުކާގެ 16 އުޅަނދެވެ. ވަގުތުން މަސައްކަތަށް ނެރުމަށް ތައްޔާރަށް އީ-3 ސެންޓްރީ މަރުކާގެ އިތުރު ބޯޓެއް ނެތް ކަމަށާއި، އެ އުޅަނދާ އެންމެ އެއްގޮތް އީ-7 ވެޖްޓެއިލްގެ އަގު 700 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.
އެއްވެސް މަޤުބޫލު ސަބަބެއްް ނެތި ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއެކު ފެށިފައިވާ ހަނގުރާމައިގައި އެމެރިކާގެ 300އަށްވުރެ ގިނަ ސިފައިންނަށް އަނިޔާވެ، 13 ސިފައިން ވަނީ މަރުވެފައެވެ. މާރިޗު މަހުގެ 14ވަނަ ދުވަހު ވެސް އީރާނުގެ ޙަމަލާއެއް ޕްރިންސް ސުލްޠާން އެއާ ބޭސްއަށް އަމާޒުވެފައިވެއެވެ. އެ ޙަމަލާގައި އެމެރިކާ އަސްކަރިއްޔާގެ ފަސް ތެޔޮއަޅާ މަތިންދާބޯޓަށް ގެެއްލުންތައް ލިބިފައިވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ އީރާނުން ޕްރިންސް ސުލްޠާން އެއާ ބޭސްއަށް ޙަމަލާ ދިނުމަށް މަގުފަހިވީ ރަޝިޔާއިން އެ މަރުކަޒުގެ ސެޓެލައިޓް ފޮޓޯ އީރާނާ ޙިއްޞާ ކުރުމުން ކަމަށް ތުހުމަތުކުރައްވައިފައެވެ. މާރިޗު މަހުގެ 20ވަނަ ދުވަހާއި 23ވަނަ ދުވަހާއި 25ވަނަ ދުވަހު ރަޝިޔާއިން އެ މަރުކަޒުގެ ސެޓެލައިޓް ފޮޓޯ ނަގާފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެެއްކެެއް އޭނާ ދައްކަވާފައެއް ނުވެއެވެ.