ޚަބަރު

ޙިޒްބުﷲގެ ރޮކެޓުތައް ހުއްޓުވަން ޔަހޫދީން ނުކުޅެދިފައި


ޞަހްޔޫނީ އިސްތިޢުމާރީ ލަޝްކަރަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންގެންދާ ވަރުގަދަ ރޮކެޓް ޙަމަލާތަކުގެ ކުރިމަތީގައި ނުކުޅެދި، ޔަހޫދީން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާކަން ހާމަވަމުންދަނިކޮށް، ލުބުނާނުގެ ދެކުނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކުރުމަށް ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ.

ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުالله އިން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ މާރިޗު 2 ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވުމާ ގުޅިގެން ރައްދުދިނުމުގެ ގޮތުންނެވެ. ޓްރަމްޕްގެ ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. ޙިޒްބުاللهއިން ހަނގުރާމައިގައި ބައިވެރިވެފައި މި ވަނީ އީރާނުން އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ދެމުންދާ ޙަމަލާތަކަށް ތާޢީދުކުރުމުގެ ގޮތުންނެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރުމަށް ނަތަންޔާހޫ އަމުރުކުރުމަކީ، ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތައް ދިފާޢުކުރުމަށް ޔަހޫދީ ފައުޖު ނުކުޅެދިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމުގައެވެ. ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ވެސް ވަނީ، އަލް-ލަޔިޠާނީ ކޯރާ ހަމައަށްވާ ހުރިހާ ބިމެއްގެ ކޮންޓުރޯލު ހޯދުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އީރާންގެ އިތުރުން ލުބްނާންގެ ޙިޒްބުاللهއާއި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ވެސް ޔަހޫދީ ފައުޖުން ދަނީ ނިރުބަވެރި ޙަމަލާތައް އަމާޒުކުރަމުންނެވެ.

ލުބްނާންގެ ޞިއްޙީ ވުޒާރާއިން ބުނީ، ޞަހްޔޫނީންގެ ރަޙުމުކުޑަ ޙަމަލާތަކުގައި މިހާތަނަށް 1,100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. ޙިޒްބުاللهއަށް އަމާޒުކޮށް ކަމަށް ބުނެ ދެމުންދާ ޙަމަލަތަކުގައި އެ ޖަމާޢަތުގެ 400 އެއްހާ މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމުގައި ޞަހްޔޫނީން ވެސް ބުންޏެވެ.