ޚަބަރު

ޕާކިސްތާނުގައި އަނެއްކާވެސް ޕެޓްރޯލްއާއި ޑީސަލްގެ އަގުބޮޑުކޮށްފި


މަހަކަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށް ޕާކިސްތާނުގައި ޕެޓްރޯލްއާއި ޑީސެލް ގަންނަން ލިބޭ އަގު ބޮޑުކޮށްފިއެވެ. ޕާކިސްތާނުން އަނެއްކާ ވެސް ޕެޓްރޯލްއާއި ޑީސެލްގެ އަގު ބޮޑުކޮށްފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގައި ޑީސެލް ލީޓަރެއް ވިއްކަމުން ދިޔަ އަގު 54.9 އިންސައްތައަށް އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މި ބަދަލާއެކު ދެން ޑީސެލް ލިޓަރެއް ލިބޭނީ 1.88 އެމެރިކާ ޑޮލަރަށެވެ. އޭގެ އިތުރުން ޕެޓްރޯލް ލިޓަރެއްގެ އަގު ވެސް ވަނީ 42.8 އިންސައްތައިން އިތުރުކޮށްފައެވެ.

ޕާކިސްތާނުގެ ޕެޓްރޯލިއަމް ވަޒީރު، ޢަލީ ޕަރްވައިޒް މާލިކު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލުން ނެއްޓިފައިވާއިރު، ޕާކިސްތާނުގައި ތެލުގެ އަގު ބޮޑު ކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. ޕާކިސްތާނަކީ އީރާނުން ކޮންޓްރޯލް ކުރަމުންދާ ހުރުމުޒު ކަނޑުއޮޅި މެދުވެރިކޮށް ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތުން ތެޔޮ އެތެރެކުރާ ޤައުމެކެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ޕާކިސްތާނުން ވަނީ ޕެޓްރޯލްއާއި ޑީސެލްގެ އަގު 20 އިންސައްތައިން ބޮޑުކޮށްފައެވެ. އެ ފަހަރު ވެސް ތެލުގެ އަގު ބޮޑުކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެއެވެ. ތެލުގެ އަގު އަނެއްކާ ވެސް ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން ޕާކިސްތާނުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އަގުތައް އުފުލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ޤައުމުގެ ފަޤީރު އާބާދީތަކަށެވެ.

ޕާކިސްތާނުގެ މާލީ ވަޒީރު، މުޙައްމަދު އައުރަންގްޒެބް ވަނީ ޕާކިސްތާނުގެ ދަނޑުވެރިންނަށާއި ސައިކަލުދުއްވާ މީހުންނަށާއި ސިޓީތަކުގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުމުގައި އެހީތެރިވުމަށް ސަރުކާރުން ސަބްސިޑީ ދޭނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. ފާއިތުވި ތިން ހަފްތާގެ ތެރޭގައި ވެސް 129 ބިލިޔަން ރުޕީސްގެ ސަބްސިޑީ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ ގޮތަށް ސަބްސިޑީ މިހާރު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ވަޞީލަތްތައް މަދުވެ، ހަނގުރާމަ ނިމޭނެ ކަމުގެ އިޝާރާތެއް ފެންނަމުން ނުދާއިރު، އެ އުޞޫލުން ސަބްސިޑީ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.