ޚަބަރު

އެމެރިކާ ސިފައިންގެ އެންމެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފި


އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް، ރޭންޑީ ޖޯޖް މަޤާމުން ވަކިކޮށްފިއެވެ.

ރޭންޑީ ޖޯޖް މަޤާމުން ވަކުކުރައްވާފައި ވަނީ އެ ޤައުމުގެ ދިފާޢީ ވަޒީރު، ފީޓު ހެގްސެތުއެވެ. ޖޯޖު މަޤާމުން ވަކިކުރި ވަކި ސަބަބެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަޤާމުން ވަކިކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޙަމަލާދީ، މެދުއިރުމައްޗަށް ސިފައިން ފޮނުވަމުން ދަނިކޮށެވެ. ހަނގުރާމައެއްގައި އެމެރިކާ ޝާމިލްވެފައިވާ ދަނޑިވަޅެއްގައި މި ފަދަ ގޮތަށް އަސްކަރިއްޔާގެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅަކު މަޤާމުން ދުރުކުރުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ.

ރޭންޑީ ޖޯޖްގެ އިތުރުން ސިފައިންގެ ޓްރާންސްފޮމޭޝަން އެންޑް ޓްރެއިނިން ކޮމާންޑުގެ އިސްވެރިޔާ، ޖެނެރަލް ޑޭވިޑް ހޮޑްނީއާއި އަސްކަރިއްޔާގެ ޗެޕްލައިން ކޯގެ އިސްވެރިޔާ، ޖެނެރަލް ވިލިއަމް ގްރީން ވެސް ވަނީ މަޤާމުން ވަކިކޮށްފައި ކަމަށް މަސްދަރުތަކުން ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު ގޮތްޕަކީ ސިފައިންނެވެ. އެމެރިކާގެ އެއްގަމު ސިފައިންގެ ގޮތުގައި 450،000 އޮފިސަރުން ޙަރަކާތްތެރިވެއެވެ. މެދުއިރުމައްޗަށް އެމެރިކާއިން ދެމުންދާ ޙަމަލާތައް ގިނައިން ދެނީ ކަނޑުމަތީ ސިފައިންނާއި ވައިގެ ސިފައިން މެދުވެރިކޮށެވެ. ނަމަވެސް ވައިގެ ދިފާޢީ ނިޒާމުތަކާ ގުޅޭ ކަންކަމަށް މެދުއިރުމައްޗަށް އެމެރިކާއިން އެއްގަމު ސިފައިން ވެސް ފޮނުވާފައިވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާގެ ދިފާޢީ ވުޒާރާގެ އެކި ފަންތީގެ އިސްވެރިން ވަނީ މަޤާމުން ދުރުކޮށްފައެވެ.