ޚަބަރު

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަޙުޤީގުކުރަނީ


  • ޗައިލްޑް ޕްރޮޓެކްޝަން ޓީމުން ދަނީ މައްސަލަ ބަލަމުން

އަތޮޅުތެރޭގެ ރަށެއްގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުށަހެޅި މައްސަލައާއި ގުޅިގެން، މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޚާއްސަ ތަޙުޤީޤު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. ހަގީގަތާ ޚިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށް ފުލުހުން ވަނީ ޢިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާއަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ޙިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފަވެއެވެ.