މި އަހަރގެ ޒޯން ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ކުޅެން ހަ ރަށެއް ހަމަޖައްސައިފި އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ ރާއްޖޭގެ ހަ ސަރަހައްދެއްގައި ޒޯން މެޗުތައް ކުޅުމަށެވެ. މި ގޮތުން މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ހއ. ދިއްދޫ އާއި ބ. އޭދަފުއްޓާއި އދ. މަހިބަދޫ އާއި ދ. މީދޫ އާއި ލ. ގަމާއި ގދ. ގައްދޫގަ އެވެ.
ދިއްދޫގައި ކުޅޭނީ ނޯތް ރީޖަން ޒޯން އެކެއްގެ މެޗުތަކެވެ. މި މެޗުތައް ފަށާނީ މި މަހުގެ 18ގަ އެވެ. ނިންމާނީ އޭޕްރީލް 28ގަ އެވެ.
ނޯތު ރީޖަން ދޭއްގެ މެޗުތައް އޭދަފުށީގައި ކުޅެނީ އޭޕްރީލް 15އިން 30 އަށެވެ. ސެންޓްރަލް ރީޖަންގެ މެޗުތައް ކުޅޭނީ މަހިބަދޫ އާއި މީދޫގަ އެވެ. ސެންޓްރަލް ޒޯން 1 މަހިބަދޫގައި މި މަހުގެ 15ގައި ފަށައި ނިންމާނީ 30 ވަނަ ދުވަހު އެވެ. ސެންޓްރަލް ޒޯން ދޭ މީދޫގައި 16ގައި ފަށައިގެން ނިންމާނީ މި މަމަހުގެ 28 އަށެވެ.
ސައުތު ޒޯން އެކެއްގެ މެޗުތައް ލ. ގަމުގައި އަދި ޒޯން ދޭއްގެ މެޗުތައް ގައްދޫގައި ފަށާނީ އޭޕްރީލް 18ގަ އެވެ. ނިމޭނީ 28 ވަނަ ދުވަހު އެވެ.
މި ޒޯންތަކުގެ ޗެމްޕިއަން ޓީމުތައް މާލޭގައި ޒޯން ޗެމްޕިއަންސް ލީގު ކުޅޭނެ އެވެ. ޒޯން މެޗުތަކުގެ ގުރުން އޮންނާނީ މިއަދު އެފްއޭއެމުގަ އެވެ.