ސިއްޙީ ދާއިރާގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، ބައެއް ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހިންގުމުގެ ކަންކަން ސީދާ ސިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިއާއެކު އިދާރީ ހިންގުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައެއްކަމަށް ރަށްރަށުން ފާހަގަކުރާ ކަމަކީ ސިއްޙީ ވުޒާރާއާއި އޮންނަ ގުޅުން ކުޑަވުމުގެ މައްސަލައެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މިހާރުވަނީ ސިއްޙީ ނިޒާމުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނެސްފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ބައެއް ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްޙީ ނިޒާމުގެ މައި އިދާރާއާ އޮންނަންޖެހޭ ގުޅުން ކުޑަވުމުން ބޭނުންވާ ކަންކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުންކަމަށެވެ. އެހެންކަމުން އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި މިއާއެކު ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީސްތައް ސީދާ، ހުސްއެކަނި ހެލްތު މިނިސްޓްރީއެއް ނޫން، ސީދާ މައި ސަރުކާރުގެ މައި އޮފީހާ ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. އޭގެ މާނައަކީ އެތަންތަން އެމްޕަވަރ ކުރުން، އެތަންތަން ބާރުވެރި ކުރުވުން." ވަޒީރު ވިދާޅުވިއެވެ.
މިބަދަލާއެކު އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓު ހޯދުމުގެ ކަންކަމާއި، މުވައްޒަފުން ހޯދުމުގެ ހުރިހާކަމެއް ކުރަމުންދާނީ އެރަށްރަށުގައިކުރިއަށްދާނީ ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މިއާއެކު ކުޑަ އާބާދީތައް ދިރިއުޅޭ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުންވެސް އަތޮޅުގެ އެހެން ސިއްޙީ ޚިދުމަތްދޭ ތަނަކަށް ރިކުއެސްޓްކުރުމުގެ ބަދަލުގައި ކަންކަމަށް އެދި ހުށައަޅަމުންދާނީ ވުޒާރާއަށެވެ.
މިއީ މަޝްވަރާކުރެވިގެން އަޅާފައިވާ ހަރުދަނާ ފިޔަވަޅެއްކަމަށާއި މިއާއެކު ހެޔޮ ބަދަލެއް އަންނާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިބަދަލަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ހޭނުވުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.