ތަރައްްޤީ

ގެމަނަފުށީ ނަރުދަމާ ނިޒާމް ޑިޒައިންކުރުމަށް ހަވާލުކުރައްވައިފި


ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ސާރވޭކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރައްވައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއަދު އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމާއި އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ސާރވޭކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ކުރުމަށް ނިންމާފައިވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުންނެވެ.

އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާ ޤާއިމުކުރުމުގައި ސަރުކާރުގެ ކުންފުނިތަކުން ދެމުންދާ އެއްބާރުލުން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ޑިޒައިންކުރުމަށް ނިންމި ނިންމުމަކީ މިކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިއްވަރެއްކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ގއ.ގެމަނަފުށީ ނަރުދަމާ ޑިޒައިންކުރުމާއި ސާރވޭކުރުމުގެ މަސައްކަތް ތިންމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަޤީންކަންދޭކަމަށެވެ.

ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރި ނަރުދަމާއާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަވަމުންނެވެ.