ޚަބަރު

އެމެރިކާއާއި އީރާނުގެ މަޝްވަރާ: ނުތަނަވަސްކަމަށް ޙައްލެއް ހޯދޭނެތަ؟


ހުޅަނގު އޭޝިޔާ ސަރަޙައްދުގައި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ދެ ފަރާތުގެ ދެމެދުގައި ބާއްވާ މުހިންމު މަޝްވަރާތައް އޭޕްރީލް 11 ވާ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަން ފަށައިފިއެވެ. ޞަހްޔޫނީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ޙަމަލާދޭން ފެށްޓެވީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ހަ ހަފުތާއަށް ފަހު، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލައި، ސުލްޙައިގެ މަޝްވަރާތައް އިޢުލާނުކޮށްފައި ވަނީ އޭޕްރިލް 8 ވަނަ ދުވަހުއެވެ.

މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން އިސްލާމްއާބާދުގެ "ރެޑް ޒޯން" ވަނީ ބަންދުކޮށްފައެވެ. އަދި، ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ސެރީނާ ހޮޓަލުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަށް ބާއްވާ މި ބައްދަލުވުންތަކުގައި އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ނައިބު ރައީސް ޖޭޑީ ވޭންސްއެވެ. އޭނާގެ އަރިހުގައި ހުޅަނގު އޭޝިޔާ ސަރަޙައްދަށް ޓްރަމްޕް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވާނެއެވެ. އީރާން ތަމްސީލު ކުރައްވާނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.

މަޝްވަރާގެ މޭޒުގައި އޮތް މުހިންމު ކަންތައްތަކަށް ބަލައިލާއިރު، މި މަޝްވަރާތައް ކުރިއަށްދާނީ އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ހުށަހެޅުމަށް ބިނާކޮށެވެ. އޭގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާއި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ މައްސަލަ ހިމެނެއެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ދޫކޮށްލުމަށެވެ.

މަޝްވަރާތައް ވިލަރެސްކުރެއްވުމުގައި ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވާރު، ފީލްޑް މާޝަލް ޢާޞިމް މުނީރުގެ ދައުރު ބޮޑެވެ. ނަމަވެސް، ރަސްމީ މަޝްވަރާތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަން ސާފެއް ނޫނެވެ. އީރާނާއި އެމެރިކާއިން ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލާފައި ނެތުމުން، މަޝްވަރާތަކަށް މިހާރު ވެސް ވަނީ ހިޔަނިއެޅިފައެވެ.

ލުބްނާނަށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުން ވަކިވާނެ ކަމަށް ތެހްރާނުން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް، ވައިޓް ހައުސުން ބުނީ، އެ އެއްބަސްވުމުގައި ލުބްނާންގެ މައްސަލަ ނުހިމެނޭ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ފެށުމަށް ތައްޔާރު ކުރަމުންދާ މަޝްވަރާތައް 15 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.