ކުޅިވަރު

ތަށި ހޯދަން ސިޓީ ކަންކުރަންވީ ގޮތް ބުނެދެނީ މާޒީން: ގާޑިއޯލާ


ތަށި ހޯދަން މެންޗެސްޓާ ސިޓީން ކަންކުރަންވީ ބުނެދެނީ މާޒީން ކަމަށާއި އެކަމަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް އާސެނަލް ރޭ ބަލިވެ، އެ ޓީމާއޮތް ފަރަގު ތިން ޕޮއިންޓަށް ހަނިކުރަން ސިޓީ އަށް ފުރުސަތު ލިބުމުންނެވެ.

"އަހަރުމެން ކުރިއަށް އޮތް އަށް މެޗުގައި ކަންތައްތައް ކުރަންވީ ގޮތް ބުނެދެނީ މާޒީ. އަހަރުމެން ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ އަހަރުމެންނަށް ތަށި ނުލިބޭނެ ކަމަކަށް ނުދެކެން. އަހަރުމެންވަނީ މީގެ ކުރިން މިފަދައިން މޮޅުވެ، ތަށި ހޯދާފައި،" 2023 ވަނަ އަހަރުގެ ސީޒަނަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މިއަދު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު ދެ މެޗު ކަމަށެވެ.

"އަހަރުމެން މި ދެ މެޗު ނަގަން ޖެހޭނެ. މިވަގުތަށް ބަލާއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ފޯރީގައި. އެއީ އަހަރުމެންނަށް ކަރަބޯ ކަޕުގައި އާސެނަލް ބަލި ކުރެވިއްޖެ. އަދި އެފްއޭކަޕުގައި ލިވަޕޫލް ބަލިކުރެވިއްޖެ. އެހެންވީމާ މިއީ ވަރަށް ބޮޑު ހިތްވަރެއް މިފަދަ މުހިންމު މެޗުތަކުން މޮޅުވާން ބަލާއިރު،" ކޯޗު ބުންޏެވެ.

ހަ ފަހަރު ޕްރެމިއާ ލީގު ސިޓީ އަށް ހޯދާދީފައިވާ ކޯޗު ބުނީ މި ސީޒަނުގައި ސިޓީ އާއި އާސެނަލްގެ ތަފާތަކީ ކުޅުންތެރިންގެ ތަޖުރިބާ ކަމަށެވެ.

"އެއީ ވަރަށް ތަޖުރިބާކާރު ޓީމެއް. އަހަރުމެންގެ ޓީމު ވަރަށް ބޮޑަށް ބަދަލުވެފައިވާ ޒުވާން ޓީމެއް. ތަޖުރިބާ އަކީ ކަމެއް ނިންމަން ބަލާއިރު ވަރަށް މުހިންމު އެއްޗެއް. އެކަމަކު ވެސް އަހަރުމެން މި ތިބީ ޕްރެމިއާ ލީގުގެ ހަތެއް ނޫނީ އަށް ވަނައަކު ނޫން. އަހަރުމެން މި ތިބީ ދެ ވަނާގައި އަދި މި ދަނީ (ތަށްޓަށް) ވާދަ ކުރަމުން،" ކޯޗު ބުންޏެވެ.

ޕްރެމިއާ ލީގުގައި މިވަގުތު އާސެނަލް އޮތީ 70 ޕޮއިންޓާއެކު އެއްވަނާގަ އެވެ. ސިޓީ އޮތީ ދެ މެޗު މަދުން ކުޅެ 61 ޕޮއިންޓާއެކު ދެ ވަނާގަ އެވެ.