ޚަބަރު

ހުއްދަ ނެތް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަނީ


  • ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން

  • މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތިވެދާނެ

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެކި ނަންމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން ވިދާޅުވީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް ހުއްދަ ނެތް ބޭސްތައް އިމްޕޯރޓްކުރުމާއި އޮންލައިން މަސްދަރު ތަކުގައާއި ބައެއް އާއްމު ފިހާރަތަކުންވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ގަނެ ބައެއް އާއްމުފަރާތް ތަކުން މިފަދަ ތަކެތި ބޭނުން ކުރަމުންގެންދާކަން ފާހަގަވެފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެއޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫންކަމަށެވެ. އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެކަމަށާއި އޭގެ ތެރޭގައި ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

މިފަދަ ބޭސްތަކަކީ މިބޭސްތަކަށް ނަގަންޖެހޭ ހުއްދަ ނަގައިގެން ފާމަސީތަކުގައި ވިއްކޭނެ ތަކެތިކަން އެމްއެފްޑީއޭއިން ވަނީ ތަކުރާރުކޮށްފައެވެ. އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ތަކެތި މާރކެޓުން ނެގުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ވަނީ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އެމްއެފްޑީއޭއިން މީގެކުރިންވެސް ވަނީ ހުއްދަ ނުނަގާ ބޭސް އެތެރެކޮށް ވިއްކާ އިޝްތިހާރު ކުރާނަމަ ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.