ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ށ.މިލަންދުއަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ ޒުވާނެކެވެ.
ޑެންގީ ޖެހިގެން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ، ށ.މިލަންދޫ ސިއްޙީ މަރުކަޒުގައެވެ. ހާލު އިތުރަށް ގޯސްވެގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ ޑެންގީ ހުން ޖެހި، ހާލު ދެރަވި ޒުވާނާ ނިޔާވީ މިއަދު 12:15ހާއިރު ކަމަށެވެ. އަދި އެމީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑެންގީގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މަހު އެކަނިވެސް ޑެންގީގެ 535 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓް ކުރިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު ބޮޑު އަދަދެކެވެ.