ޚަބަރު

ޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ޙަވާލުކޮށްފި


  • މި ކިޓުތައް ޙަވާލުކޮށްފައިވަނީ، ކަސްޓަމްސްއާއި ފުލުހުންނަށް

  • މިއީ އެއް ކިޓުން 500 ޓެސްޓް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެއް

ރާއްޖޭގައި މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި، ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ޙަވާލުކޮށްފިއެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެކެވެ. މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއަށް ޙަވާލުކުރުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

ކަސްޓަމްސްއާއި ފުލުހުންނަށް މިތަކެތި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ، ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ. ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެންް ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

"މިހާރުވެސް ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ގެންދަން ޖެހެނީ ހިންމަފުށީގައި. އެތަނުގައި ވަކި މުއްދަތަކަށް ބަހައްޓައިގެން ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ކޮންމެވެސް ވަރަކަށް ރަނގަޅު. ކުރިއަށް އޮތްތަނުގައި ސިންތެޓިކް ޑްރަގްސްއަށް ފަރުވާ ލިބޭނެ މަގެއް ފަހިވުން އެއީ އުންމީދު." އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދައްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވީ، ސިންތެޓިކް ޑްރަގުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތް ކަމަށެވެ. އަދި މިއަދަކީ، ފަންނީ ތަމްރީންތަކާއި މަސައްކަތުގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި އެހީތެރިކަން ލިބުނު ދުވަހެއް ކަމަށެވެ.

" މިއީ ހަމައެކަނި ސާމާނު ފޯރުކޮށްދިނުމެއް ނޫން. މިއީ ސަރަޙައްދީ އެއްބާރުލުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އޮތް ވަރުގަދަ އަޒުމެއް. މި ލިބުނު ވަޞީލަތްތަކުގެ ބޭނުން ހިފާ ޔަޤީންކަމާއެކު މި މަސައްކަތް އަޅުގަނޑުމެން ކުރާނަން." ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު އެންފޯސްމަންޓުގެ މަސައްކަތްތަކަކީ އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ތަކެތި ބަލާ ޗެކްކުރުމުގެ މަސައްކަތް ފުޅާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

" މި ތަކެއްޗަކީ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމާއި ކާމިޔާބު ލިބިގެން ދާނެ އެއްޗެހި. މިއަހަރުގެ މިހާތަނަށްވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ވަރަށް ގުޅިގެން. މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ހޯދިން. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއް." ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ވިދާޅުވިއެވެ.

ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ. މީގެއިތުރުން ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ. މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ޙަވާލުކޮށްފައެވެ. މީގެ އިތުރުން 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ޙަވާލުކޮށްފައިވެއެވެ.

އެންޑީއޭއިން ވިދާޅުވީ، މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެއް ކަމަށެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ. މި ޓެސްޓް ކިޓުތަކަކީ، ޢާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.