ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގެ ބިން ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފިއެވެ.
މަގުހެދުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތާއި މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެމްޓިސީސީން ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގުގެ ދުވާރު ހެދުމާއި، ކަރަންޓު ކޭބަލް ވަޅުލަން ޖެހޭ ވަޅުގަނޑުތައް ކޮނުމާއި އެ ކޭބަލްތަކުގެ މައި ނަރުތައް ޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫޢުގެ ސެގްމެންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށާއި މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިމަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއަށްފަހު ފެން ހިންދާ ކާނުގަނޑުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އަދި މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ.
އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ހެދުމުގެ 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ ދަށުން މިހާތަނަށް 45 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ މޫނުމަތި ބަދަލުކޮށްލާނެ މުހިންމު މަޝްރޫޢެކެވެ.