ޚަބަރު

އައިޔޫއެމްގެ ކެމްޕަސްތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


  • 11 ރަށެއްގައި ކެމްޕަސް ތަރައްޤީކުރާނެ

  • ބިންތައް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އަތޮޅު ތެރޭގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށް ކޮންކްރީޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

ރާއްޖެގެ އެއްވެސް ސަރަޙައްދެއްގައި މިވަގުތު އެ ޔުނިވަރސިޓީގެ ދާޢިމީ ކެމްޕަހެއް ނެތްނަމަވެސް މިހާރު 11 ރަށެއްގައި ކެމްޕަސްތައް ތަރައްޤީ ކުރުމަށް ނިންމާ އެ މަސައްކަތް އެކި މަރުހަލާތަކުގައި އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓިވިއުއެއްގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެކި ސަަރަޙައްދުތަކުގައި އައިޔޫއެމްގެ އަމިއްލަ ކެމްޕަސްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. މިވަގުތު އަތޮޅުތެރޭގައި އައިޔޫއެމްގެ ވަގުތީ 6 ކެމްޕަސް ހުރިނަމަވެސް އެއީ އެންމެ ރަނގަޅަށް ތަރައްޤީކޮށްފައިވާ ތަންތަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ 10 ރަށެއްގައި އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރުމަށް ކުންފުނިތަކާ ހަވާލުކޮށް އިތުރު ކެމްޕަގެއް ތަރައްޤީކުރުމަށް މިއަހަރު ކުންފުންޏަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިވަގުތު ހަވާލުކޮށްފައިވާ ތަންތަނުގެ ކުރެހުންތައް ފައިނަލްކޮށް ކޮންކުރީޓް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ބައެއް ތަންތަނުގެ މަސައްކަތް ފެށުން ލަސްވެފައިވަނީ ކެމްޕަސްތައް އަޅާނެ ބިން ފައިނަލް ނުވުމާއި ރަޖިސްޓްރީގެ މަސައްކަތްތައް ލަސްވުމުން ކަމަށެވެ. ނަމަވެސް މި ހަފްތާއިން ފެށިގެން ބިން ހަވާލުކުރުމުގެ މަސައްކަތްތަކާއި މޮބިލައިޒްކުރުމުގެ މަސައްކަތް ނިންމާ ކެމްޕަސްތަކުގެ އިމާރާތުގެ މަސައްކަތް ފެށުމަށް ކޮންކްރިޓްގެ މަސައްކަތް ފަށާނެކަމަށެވެ.

"" ކެމްޕަހެއްގައި ހިމަނަން ޖެހޭ އަސާސީ ހުރިހާ ޚިދުމަތްތަކެއް ހިމެނޭނެ. ބޮޑެތި އިމާރާތްތައް އެޅުމުގެ ބަދަލުގައި އަސާސީ ގޮތެއްގައި ދަރިވަރުން ބޭނުންވާ ޚިދުމަތްތަކަށް ފޯކަސް ކޮށްގެން މިތަންތަން ތަރައްޤީ ކުރާނީ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ 18 މަސްދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތެއްގައި ކެމްޕަސްތައް ނިންމާލުން."އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވިއެވެ.

އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީ ކުރާ ރަށްތައް

- ށ. ފުނަދޫ
- ނ. މަނަދޫ
- ޅ. ނައިފަރު
- ޅ. ހިންނަވަރު
- ތ. ވޭމަންޑޫ
- އައްޑޫސިޓީ މަރަދޫ ފޭދޫ
- ލ. ފޮނަދޫ
- ފ. ނިލަންދޫ
- އދ. މާމިނގިލި
- އދ. މަހިބަދޫ
- ގއ. ވިލިނގިލި

އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރަނީ ކްލާސްރޫމްތަކާއި ލައިބްރީއާއި އިދާރީ އޮފީސް، ސެމިނަރ ސަރަޙައްދުވެސް ހިމެނޭހެންނެވެ. އަދި ދަރިވަރުން ތިބުމަށް ދަނާލާއި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކްވެސް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އައިޔޫއެމްގެ އަމާޒަކީ މި ތަންތަން 18 މަސްދުވަހާއި 2 އަހަރާ ދޭތެރޭ ހުރިހާ ތަނެއްގެ މަސައްކަތްތައް ނިންމާ ބޭނުން ކުރަން ފެށުމެވެ.

މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް އަތޮޅުތެރޭގައި ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އެކި އަތޮޅުތަކުގައިވަނީ އެމްއެންޔޫ އަދި އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރުމަށްވަނީ ބިންގާ އަޅާފައެވެ. ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތަޢުލީމުގެ ފުރުސަތު އަތޮޅުތަކުގައި ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.