ޚަބަރު

ގަސްތައް ކެނޑުމުގެ ބަދަލުގައި، ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް


  • 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ އާރުސީސީއާ

  • ވިލިމާލޭގައި 17 ފަންގިފިލާގެ 3 ޓަވަރު އަޅާނެ

ވިލިމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ފްލެޓްތައް ހިމެނޭ 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދެއްގައި އެޅުމަށް ނިންމަވައިފިއެވެ.

މިދިޔަ މަހު ވަނީ، ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތުމާއެކު އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށްވުރެ ދަތި ތަންތަނުގައި ކަމަށެވެ. އެހެންކަމުން އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ، ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތް ކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ، މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން ވިލިމާލޭގައި ޢިމާރާތް ކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ، ބޮޑެތި ފުނަގަސް ނުކަނޑައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް މިހާރުވަނީ ނިންމާފައެވެ.

ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ، 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.

ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަޤުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.