ޚަބަރު

ގަލްފުގެ ޤައުމުތަކާއި އީރާންގެ ގުޅުން އިޢާދަނުކުރެވޭފަދަ ޙާލަތަކަށް


ހުޅަނގު އޭޝިޔާގައި އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ގަލްފް ޢަރަބި ޤައުމުތަކާއި އީރާނާ ދެމެދު ކުރިން އޮތް ބަދަހި ގުޅުންތަކަށް އިޢާދަނުކުރެވޭ ފަދަ ބޮޑު ލޮޅުމެއް އަރާފައިވާ ކަމަށާއި، ގުޅުންތައް އަލުން ބަދަހިކުރުމަށް އެތައް އަހަރެއް ހޭދަވެދާނެ ކަމުގައި މާހިރުން އިންޒާރުކޮށްފިއެވެ. ޞަހްޔޫނީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.

ޓްރަމްޕްގެ ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީފައެވެ. މަސްރަޙް ދިރާސާކުރާ ގަލްފް ސްޓޭޓް އެނަލިޓިކްސްގެ ވެރިޔާ ޖޮރްޖޯ ކަފިއެރޯ ވިދާޅުވީ، ސަރަޙައްދީ ހަމަޖެހުމަށް ޓަކައި ދާއިމީ ސުލްޙަ ޤާއިމުކުރުމަކީ މިއަދު މަޖުބޫރުވެފައިވާ ކަމެއް ކަމުގައެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން ގަލްފް ޢަރަބި ޤައުމުތަކާއި އީރާނާ ދެމެދުގައި އޮތް އިތުބާރާއި ގާތްކަން އަލުން އިޢާދަކުރުމަށް އަދި އެތައް އަހަރެއްގެ މަސައްކަތް ބޭނުންވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ގަލްފް ޢަރަބި ޤައުމުތަކުގެ ރަސްކަންތަކުގެ އެންމެ ބޮޑު އިސްކަމަކީ މަސްލަޙަތު ފިނިކޮށް، ހަމަނުޖެހުންތަކުން ދުރުވުން. އެ ޤައުމުތަކުގެ އަމާޒަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވިފައި ބޭއްވުމާއެކު، ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުން،" ކަފިއެރޯ ވިދާޅުވިއެވެ.

ފެބުރުވަރީ މަހުގެ ފަހުކޮޅު ޓްރަމްޕް ފެށްޓެވި ހަނގުރާމައިގެ ނޭދެވޭ އަސަރު ގަލްފް ޢަރަބި ޤައުމުތަކުގެ އިޤުތިޞާދުތަކަށް ދަނީ ކުރަމުންނެވެ. ޓްރަމްޕްގެ ހަނގުރާމައިގެ ސަބަބުން ގަލްފް ޢަރަބި ޤައުމުތަކުގެ އިޤުތިޞާދުތައް ސިންދަފާތުކޮށް، ބޭރުގެ ވުނަކުރުން އިތުރުކޮށް، ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ކުރާ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. ކަފިއެރޯ ވިދާޅުވީ، މި ހަނގުރާމައިގެ ވަކި ފަރާތަކަށް ބުރަވެ، ތާޢީދުކުރުމާއި، ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ގަލްފް ޢަރަބި ޤައުމުތަކުގައި ނެތް ކަމުގައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ގަލްފް ޢަރަބި ޤައުމުތަކާއި އީރާނާ ދެމެދު ކުރިން އޮތް ބަދަހި ގުޅުންތަކަށް ނިމުން އައީ، ގަލްފްގެ ޤައުމުތަކުގެ އަސާސީ ބިނާރުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދިން ޙަމަލާތަކާ ގުޅިގެން ކަމުގައެވެ. ތެހްރާނުން ބުނީ، އެއީ އެމެރިކާގެ މަޞްލަޙަތުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. "އަޅުގަނޑުގެ ނަޒަރުގައި އެ ގުޅުންތައް މި ވަނީ ވަރަށް ދިގު މުއްދަތަކަށް ކެނޑިގެން ގޮސްފައި،" ކަފިއެރޯ ވިދާޅުވިއެވެ.