ޚަބަރު

އިންޑިއާގެ އެއާލައިންތަކުގެ އުދުހުންތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު


ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލި، އިންޑިއާގެ އެއާލައިންތަކުން ވައިގެ އުދުހުންތައް ހުއްޓައިލަން ޖެހިދާނެކަމަށް ބިރު ބޮޑުވެއްޖެއެވެ.

އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓް ހިމެނޭ އިންޑިއާގެ އެއާލައިންތަކުގެ ފެޑެރޭޝަނުން ބުނީ، ތެލަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ވައިގެ ދަތުރުތައް އެކީގައި ހުއްޓައިލަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަތިންދާބޯޓުތަކަށް އަޅާ ތެލުން ނަގާ 11 އިންސައްތައިގެ ޑިޔުޓީ ދެއްކުން ފަސްކޮށްދޭން އެ ފެޑެރޭޝަނުން މިހާރު ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.

އެއާލައިންތަކުގެ ޖުމްލަ ހިންގުމުގެ ޚަރަދުގެ 40 އިންސައްތައަކީ ތެލަށް ކުރަންޖެހޭ ހޭދައެވެ.

މިދިޔަ މަހު އިންޑިއާ ސަރުކާރުން ވަނީ، މަތިންދާބޯޓުތަކަށް އަޅާ ތެލުން ނަގާ ޑިޔުޓީ، އެތެރޭގެ އުދުހުންތަކުގައި ލީޓަރަކަށް 0.16 އެމެރިކާ ޑޮލަރު އަދި ބައިނަލްއަޤުވާމީ އުދުހުންތަކުގައި ލީޓަރަކަށް 0.77 އެމެރިކާ ޑޮލަރަށް ޑިޔުޓީ ބޮޑުކޮށްފައެވެ.

ނަމަވެސް، އެ ޑިޔުޓީ އިތުރަށް ބޮޑުކޮށްފިނަމަ، އުދުހުންތައް ހުއްޓާލައި، ފްލައިޓުތައް ކެންސަލް ކުރަންޖެހޭނެކަމަށް އޭޕްރީލް 26ގައި އިންޑިއާގެ ވައިގެ އުދުހުންތަކާބެހޭ ވުޒާރާއަށް އެ ފެޑެރޭޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.

އަދި ޑިޔުޓީ ބޮޑުކުރުމުގެ ސަބަބުން، އެތެރެއާއި ބައިނަލްއަޤުވާމީ އުދުހުންތަކުގައި މި މަހުގެ ތެރޭގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް އެ އެއާލައިންތަކުން ބުންޏެވެ.

އަވަށްޓެރި ޕާކިސްތާނާ އެކު އޮތް ނުތަނަސްކަމުގެ ތެރޭގައި، ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބޭނުންނުކުރެވުމުގެ ސަބަބުން ވެސް އިންޑިއާގެ އެއާލައިންތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

މިގޮތުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިންޑިއާގެ ވައިގެ އުދުހުންތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުން، ހަފްތާއަކު 800 އެއްހާ ވައިގެ ދަތުރުތަކަށް ވަނީ ބުރޫއަރައިފައެވެ.

އެކަމުގެ ސަބަބުން، ފާއިތިވި އަހަރު ދުވަހުގެ ތެރޭގައި 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވާނެކަމަށް އެއާ އިންޑިއާއިން ވަނީ ލަފާކޮށްފައެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް ވަނީ ފަހުގެ ތާރީޚެއްގައި ނުފެންނަ ވަރުގެ ބޮޑު ލޮޅުމެއް އަރައިފައެވެ.

މިގޮތުން، މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ 179 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.