ދިވެހިރާއްޖޭ ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ސަމިޓު، މޯލްޑިވްސް ޑިޖިޓަލް ސަމިޓު ނިންމާލައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ސަމިޓަކީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ސަމިޓެކެވެ. ސަމިޓު ބާއްވާފައިވަނީ މިމަހުގެ 27 އިން 29 އަށެވެ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކާއި، މައިންޑްކޯއާއި ޑީއެންއާރުގެ އިތުރުން ވޯލްޑް ބޭންކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0 ތަޞައްވުރު ހާސިލް ކުރުމަށް، ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސަމިޓެކެވެ.
ސަމިޓު ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، މި ސަމިޓުގެ ތެރެއިން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކަށް ގެނެވި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތްތައް އަވަސް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ. އަދި ސަމިޓުގެ ތެރެއިން މުޢައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ މި ސަމިޓުން ދައްކުވައިދެނީ، ޓެކްނޮލޮޖިއާއި އީޖާދީ ވިސްނުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ނިޒާމު ބަދަލު ކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމަށެވެ. އަދި މިއީ ރާއްޖެއަށް މިދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލެވޭ، މަޢުލޫމާތާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ޑިޖިޓަލް މުސްތަޤުބަލެއް ބިނާ ކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ސަމިޓުގައި ބައިވެރިވަޑައިގެންނެވި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރޭގައި ހިމެނެނީ މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ކުރީގެ ބޮޑުވަޒީރު އިއުރީ ޓުރްކާނޯ، ދެކުނު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ނައިބު ރައީސް ޔޫން ސިއޮކް ކޯގެ އިތުރުން އިނގިރޭސިވިލާތުގެ ގަވަރމަންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރ ޖެސިކާ މެކްއެވޮއީ ހިމެނެއެވެ.
މިސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކޮށްފައެވެ.
* ގަވަރނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޮރ ޑިޖިޓަލް ޓްރާންސްފޯމޭޝަން
* ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓަރ އޮޕަރަބަލް ޑޭޓާ ޝެއަރ ކުރުން
* ސިޓިޒަން ސެންޓްރިކް ސަރވިސް ހަރުދަނާކުރުން
* ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް
* އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީސްތައް ޒިންމާދާރު ގޮތުގައި ބޭނުން ކުރުން
* މޯލްޑިވްސް 2.0ގެ މަގުޗާޓުގައިވާ ހަރަކާތްތައް ތަންފީޒުކޮށް ތަރައްޤީ ކުރުން
މޯލްޑިވްސް ޑިޖިޓަލް ސަމިޓު ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، ދާޚިލީ ވުޒާރާއިން ވިދާޅުވީ މި ސަމިޓުގައި ބައިވެރިވި ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއްކޮށް، ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ތަޖުރިބާތައް ސަމިޓުގެ ތެރެއިން ހިއްސާކޮށްފައިވާ ކަމަށެވެ.