ޚަބަރު

ލުބްނާނުގެ ރައްޔިތުންނަށް ކާބޯތަކެތީ ދަތިކަން ކުރިމަތިވާނެކަމުގެ އިންޒާރު


މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ކުރިއަށް އޮތް މަސްތަކުގައި، ލުބްނާނުގައި ދިރިއުޅޭ މިލިއަނެއްހާ މީހުންނަށް ކާބޯތަކެތީ ދަތިކަން އިންތިހާއަށް ކުރިމަތިވާނެކަމަށް ކާބޯތަކެއްޗާބެހޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކުން ލަފާކޮށްފިއެވެ.

އިންޓިގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭޒް ކްލެސިފިކޭޝަން (އައިޕީސީ)އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ލުބްނާނުގެ 1.24 މިލިއަން މީހުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ލިބުމުން މަޙްރޫމްވާނެއެވެ.

އދގެ ކާބޯތަކެއްޗާބެހޭ އިދާރާއިން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ނޫރާ އުރަބާ ޙައްދާދު ވިދާޅުވީ، ލުބްނާނުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެ ދިރާސާގެ ނަތީޖާއިން ސާފުވާ ކަމަށެވެ.

ޔަހޫދީންނާއި ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ ދެމެދު ފާއިތުވި ދެ މަސް ދުވަހު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 1.2 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ހަނގުރާމައިގެ ސަބަބުން، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ލުބްނާނުގެ އެތައް ހާސް ބަޔަކު ވަނީ ކާބޯތަކެތީގެ އެހީއަށް ބަރޯސާވާން މަޖުބޫރުވެފައެވެ.

މާރިޗު 2 އިން ފެށިގެން ހިނގަމުންދާ މި ޙަމަލާ ބަދަލުކުރުންތަކުގައި ލުބްނާނުން މިހާތަނަށް 2,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި 277 އަންހެނުންނާއި، 177 ކުޑަކުދިންގެ އިތުރުން 100 ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

އައިޕީސީއިން ބުނި ގޮތުގައި، ޔަހޫދީންގެ ޙަމަލާތަކުގައި ލުބްނާނުގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ލިބި، ދަނޑުވެރިކަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

މިގޮތުން، ހަނގުރާމައިގެ ސަބަބުން ލުބްނާނުގެ ދެކުނުގައި، 76 އިންސައްތަ ދަނޑުވެރިންނަށް ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދާން މަޖުބޫރުވެފައިވާއިރު، އެ ސަރަޙައްދުގެ 22 އިންސައްތަ ދަނޑުބިންތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

އެކަމުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި އިތުރަށް ގޯސްވެފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.