ޗައިނާގެ ސަންޔާގައި ކުރިޔަށްދިޔަ 6 ވަނަ އޭޝިއަން ބީޗް ގޭމްސް 2026ގައި ވާދަކުރި ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުން ދެކުނު އޭޝިއާ ސަރަހައްދުގެ ދެވަނަ އާއިއެކު ރޭންކިންގެ ގަދަ 10ގައި ހިމެނިއެވެ.
އިއްޔެ ބީޗް ހޭންޑްބޯޅައިގެ އިވެންޓުތައް އެއްކޮށް ނިންމާލާފައިވާއިރު މި މުބާރާތުގެ ފައިނަލްފައި ވާދަކުރީ ބީޗް ހޭންޑްބޯޅަ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އިރާން އާއި ޤަތަރެވެ.
އިއްޔެ ކުޅުނު ފައިނަލްގައި 2-1 ން ގަތަރު ބަލިކޮށް މިއަހަރު ފިރިހެނުންގެ ބީޗް ހޭންޑްބޯޅައިގެ ރަން މެޑަލް ހޯދީ އިރާނުންނެވެ. ތައިލޭންޑުން ރިހި މެޑަލް ހޯދި އިރު ލޯ މެޑަލް ހޯދީ ރާއްޖެއާއި އެއް ގުރޫޕެއްގައި އޮތް ތައިލޭންޑުންނެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއެވެ.
މުޅިން އަލަށް ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން މިފަދަ ގިނަ ކުޅިވަރުތައް ހިމެނޭ ގޭމްސްއަކަށް ކޮލިފައިވެ، އަފްޣާނިސްތާނުގެ ކޯޗު ޒަބީއުﷲ އިސްމާލްޔާރްގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު، ވާދަކުރި މި ގޭމްސްގައި ރާއްޖެއިން ވަނީ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައިނަމަވެސް ފެންވަރު މަތިކޮށް، ރާއްޖެއިން ސާފް ސަރަހައްދުގެ އެންމެ ވަރުގަދަ ޕާކިސްތާނާއި ދެކޮޅަށްވެސް މި މުބާރާތުގައި ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ.
ރާއްޖެން ކުޅުނު މެޗުތަކުގެ ތެރެއިން އިރާނާ ތައިލޭންޑް އަތުން ރާއްޖެ ބަލިވިނަމަވެސް ރާއްޖެއިން މުބާރާތް ފެށީ މޮޅަކުންނެވެ. އެހެންކަމުން ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު ރާއްޖެ ވަނީ އޭޝިއަން ބީޗް ގޭމްސް ހޭޏްޑް ބޯޅައިގެ ފައިނަލް ރޭންކިންގެ ގަދަ 10 ގައިވެސް ހިމެނިފައެވެ.
މި ރޭންކިންގެ އެއްވަނައިގައި އިރާން، ދެވަނައިގައި ގަތަރު އަދި ތިންވަނައިގައި ތައިލޭންޑް އޮތް އިރު ރޭންކިންގެ 4 ވަނައިގައި އޮތީ ބަހްރެއިންނެވެ. ފަސްވަނައިގައި އޮމާން، 6 ވަނައިގައި ޖޯޑަން، ހަތްވަނައިގައި ޕާކިސްތާނު އަދި 8 ވަނައިގައި އޮތީ ޗައިނާއެވެ. 9 ވަނައިގައި އޮތީ ޕިލިޕީންސްއެވެ. 10 ވަނައިގައި ރާއްޖެ ހިމެނިފައިވާިއރު 11 ވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. 12 ވަނައިގައި ހޮންގްކޮން އަދި 13 ވަނައިގައި އޮތީ ސްރީ ލަންކާއެވެ. ފައިނަލް ރޭންކިންގެ ފުލުގައި 14 ވަނައިގައި އޮތީ މޮންގޯލިއާއެވެ.
މިއީ މިހާތަނަށް ބީޗް ހޭންޑް ބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖޭގެ ބީޗް ހޭންޑް ބޯޅަ ޓީމުއެންމެ މޮޅު ކުޅުމެއް ދެއްކި މުބާރާތެވެ. ރަނގަޅު ނަތީޖާއަކާއެކު ސަންޔާ 2026 ނިންމާލުމަށްފަހު ރާއްޖޭގެ ޓީމު މާލެއައުމަށް ހަމަޖެހިފައިވަނީ 2 މޭގައެވެ.
ރާއްޖެއިން ބީޗް ހޭންޑްބޯޅައިގެ އިތުރުން، އެތުލެޓިކްސް، ސްވިމިން އަދި ބީޗް ވޮލީގައި ވާދަކުރި އޭޝިއަން ބީޗް ގޭމްސް މިއަދު ނިމޭނެއެވެ.