ޚަބަރު

ޑްރާފްޓް އެޕްލިކޭޝަނާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމު


  • ޑްރާފްޓް މަރުހަލާގައި 17،000 ފޯމު

  • ވަޒީރު ވަނީ އެކި ސަރުކާރުތަކުން ހިންގި ހައުސިންގެ އަދަދުތައް ހާމަކުރައްވާފައި

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ޑްރާފްޓް އެޕްލިކޭޝަންތަކާއެކު މިހާތަނަށް 37،000 ފޯމު އެބަ އޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުއްޠަލިބް ވިދާޅުވީ މިހާތަނަށް ބޯހިޔާވަހިކަމަށް އެދި 20،000 ފޯމު ލިބިފައިވާކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 17،000 ފޯމު ވާކަމަށެވެ. މިނަންބަރުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރެވެ. މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށާއި ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ނަންބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިކަން ފާހަގަކުރައްވާ އެ މަޝްރޫޢުތަކުގެ އަދަދުތައް ވެސް އާންމުކުރައްވާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި 1000 ފްލެޓު އަދި ޓާޓާއިން މާލޭގައި އިމާރާތްކުރި ފްލެޓުތަކާއި ކޮރަލްވިލް އިން އެޅި 180 ފްލެޓާ އެކު 1500 ފްލެޓު ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު 10،000 އަށް ވުރެ ގިނަ ފްލެޓު އެޅި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ހުޅުމާލޭގެ 407 ފްލެޓު (ޕިންކް ފްލެޓު) އާއި، ހިޔާ މަޝްރޫޢުގެ 7000 ފްލެޓާއި، ވިނަރެސްގެ 1344 ފްލެޓާއި، އެސްއޯއީތަކުން އެޅި 1000 އަށް ވުރެ ގިނަ ފްލެޓެވެ. އެއީ ދައުރެއްގެ ތެރޭގައި އެންމެ ގިނަ ފްލެޓު އެޅުނު ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުން ފެށި އަދި މި ސަރުކާރުން ނިންމި 4000 ފްލެޓްވެސް ހިމެނެއެވެ.

މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމާއި، ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ފައިނަލްވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"އެމަޝްރޫޢުތައް ބޭނުންވާ އަވަސް ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް އެ ހުރިހާ މަޝްރޫއުތަކަކީ ވެސް ފައިސާ ހަމަޖެހިގައިވާ މަޝްރޫޢުތަކެއް. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ ދައުލަތުގެ ދަރަނިތައް ގިނަވެ، ބޭރު ގައުމުތަކުން ލޯނާއި ފައިސާ ހޯދުމަށް ދަތިވެފައި. އެހެންވެ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަނީ އިނޮވޭޓިވް މޮޑެލްތަކެއް ހޯދައިގެން." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހިލޭ ބިންދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ގަނެވޭ ގޮތަށް ހިންގާ މަޝްރޫޢަކަށް ހުޅުވާލުމުން ދިވެހި ކުންފުނިތަކަކުން ކުރިމަތިލާފައިވާކަމަށެވެ. އަދި ދެހާސް ފްލެޓު އެޅުމަށް ހުޅުވާލި އެ މަޝްރޫޢާއެކު ކުރިއަށްދިއުމާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާކަމަށާއި އިތުރު 1000 ފްލެޓު އެޅުމަށްވެސް މަޝްވަރާތަކެއް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.