ޚަބަރު

ޕޮލެންޑަށް 5،000 ސިފައިން އެމެރިކާއިން ފޮނުވާތީ ނުތަނަވަސްކަން


ޕޮލެންޑަށް އެމެރިކާގެ އިތުރު 5،000 ސިފައިން ފޮނުވަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއެކު ވިލާތުގެ ޤައުމުތަކުގައި އޮތް ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

ޕޮލެންޑުގެ ރައީސް ކެރޮލް ނަވްރޮކީ އާ ގާތްގުޅުމެއް އޮންނަ، ޓްރަމްޕްގެ މި ކުއްލި ނިންމެވުމާ އެކު، ވިލާތުގެ ދިފާއީ އިއްތިޙާދު، ނޭޓޯގެ މެމްބަރު ޤައުމުތަކުގައި މެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

އެމެރިކާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، އެމެރިކާގެ ވެސް ބައިވެރިވުން އޮތް ނޭޓޯއަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

މިގޮތުން، މިދިޔަ ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށް އެހީތެރިވެދޭން ނޭޓޯގެ ޤައުމުތަކުން އިންކާރުކުރުމުން، ޓްރަމްޕްގެ ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

އަދި އެ އިއްތިޙާދުން އެމެރިކާއިން ވަކިވާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ގެންދަވަނީ ދެއްވަމުންނެވެ.

ޕޮލެންޑަށް އެމެރިކާގެ އިތުރު ސިފައިން ފޮނުވަން ނިންމާފައިމިވަނީ، ވިލާތުގައި އެމެރިކާ ސިފައިން ޤާއިމުވެ ތިބޭ އަދަދު މަދުކުރާނެކަން އިޢުލާނުކޮށްފައިވަނިކޮށެވެ.

އެހެންކަމުން، އެމެރިކާގެ ސިޔާސަތުގައި ހުރި މިފަދަ ފުށުއެރުންތަކުގެ ސަބަބުން، ވިލާތުގެ ދިފާއު ވަރުގަދަ ކުރުމަށް ސަމާލުކަން ދޭންވީ ދާއިރާތައް ދެނެގަންނަން ދަތިކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޕޮލެންޑަށް އިތުރު ސިފައިން ފޮނުވަން ޓްރަމްޕް ނިންމެވިއިރު، ޖަރުމަނުވިލާތުގެ ރައީސް އާ މެދު ހިތްހަމަނުޖެހިވަޑައިގެން، ޓްރަމްޕް ވަނީ އެ ޤައުމުގައި ތިބި 5،000 އެމެރިކާ ސިފައިން އަނބުރާ ގެންނަން ނިންމަވައިފައެވެ.

ޓްރަމްޕްގެ މި ކުއްލި ނިންމެވުމުގެ ސަބަބުން އެމެރިކާގެ ދިފާއީ އިސް ވެރިންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތް ކަމުގެ އަޑުތަކެއް ދަނީ އިވެމުންނެވެ.

މިގޮތުން، ޕޮލެންޑަށް 5،000 ސިފައިން ފޮނުވަން މި ނިންމެވީ، އެ ޤައުމަށް 4،000 ސިފައިން ފޮނުވަން އޮތް ޕްލޭނެއް ކެންސަލްކޮށްފައިވަނިކޮށެވެ.

އެހެންކަމުން، ވިލާތުގެ ޤައުމުތަކާ މެދު އެމެރިކާގެ އަސްކަރީ ސިޔާސަތު ސާފުނުވާކަމުގެ ޝަކުވާ ބޮޑުކަމަށް ރިޕޯޓުތައް ބުންޏެވެ.