ޚަބަރު

އީރާނާއެކު މަޝްވަރާތަކުގައި ކުރިއެރުންތަކެއް، ޚިޔާލުތަފާތުވުންތައް ބޮޑު


އީރާނާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ބައެއް ކުރިއެރުންތައް ލިބިފައިވީ ނަމަވެސް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް އަދިވެސް ވަރަށް ބޮޑު ކަމުގައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ސުލްޙައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރު ދާދިފަހުން ވަނީ ތެހްރާނަށް ވަޑައިގަންނަވާފައެވެ.

މީގެއިތުރުން، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައިވާ ނާޒުކު މި ދަނޑިވަޅުގައި، ދެ ފަރާތުގެ މެދުގައި ހުރި މައިގަނޑު ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށް ޓަކައި، އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ޤަޠަރުގެ މުޝީރުންގެ ޓީމެއް ވެސް މިހާރު ވަނީ އީރާނުގެ ވެރިރަށަށް ދަތުރުކޮށްފައެވެ. މަޝްވަރާތަކުގައި ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމްގެ މައްސަލައާއި، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އޮންނާނެ ގޮތަކާ މެދު އަދިވެސް ވަނީ ދެބަސްވުންތައް އުފެދިފައެވެ. ހަނގުރާމަ ފެށުމާއެކު އެ ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ހަކަތައިގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.

އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ބުނީ، ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސައްޔިދު މުޙްސިން ނަޤްވީ، ތެހްރާނަށް ވަޑައިގަންނަވައި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ބައްދަލުކުރައްވާފައިވާ ކަމަށާއި، އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައިވާ ކަމުގައެވެ. ދުނިޔޭގެ ތެލާއި ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ގޭހުގެ (އެލްއެންޖީ) ފަސްބައިކުޅަ އެއްބައި އުފުލާ ކަނޑުއޮޅިން ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ވިސްނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައި ރޫބިޔޯ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ތެހްރާނުން ވިސްނުން ބަދަލުނުކޮށްފިނަމަ، އީރާނަށް އަލުން ޙަމަލާދޭން ފެށުމުގެ އިޚުތިޔާރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފެބުރުވަރީ 28 ގައި ޞަޔްހޫނީންނާ ގުޅިގެން ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނެސް، ހުޅަނގު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް ތެހްރާނުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ހުރަސްއެޅުމަށް ކަމުގައި ބުނެއެވެ. އީރާނުން ބުނީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، ނިއުކްލިޔަރ ޕުރޮގުރާމަކީ ސުލްޙަވެރި ޕުރޮގުރާމެއް ކަމުގައެވެ.