ޚަބަރު

ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް ބޮޑު އޮޕަރޭޝަނެއް


  • ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް އުޅަނދުތަކެއް ބަލާފާސްކުރާނެ

  • އެންމެ ބޮޑަށް ބަލަނީ އުޅަނދުތަކުގައި ހުރި ސަލާމަތީ ވަޞީލަތްތައް ހަމައަށް ހުރިތޯ

  • ކުޑަކުދިންނާއެކު ދަތުރުކުރާއިރު އިތުރަށް ސަމާލުވާންޖެހޭ

ޢީދު ޗުއްޓީއާއި ދިމާކޮށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާއިފިއެވެ. ޢީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރަމުންނެވެ.

ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރު ޢީދު ފާހަގަކުރުމަށް އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރައްވަމުންނެވެ.

ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފައިޒާން ވިދާޅުވީ، މިދުވަސްވަރު ގިނަ ބަޔަކު ދަތުރުކުރަމުންދާތީ ކަނޑު އުޅަނދުތަކުގައި ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. އެގޮތުން ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވީހާވެސް ގިނަ އުޅަނދުތަކެއް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޝަންގައި ބަލަނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހުރީ އެކްސްޕަޔަރވެފައިތޯ ބެލުމާއި، އެހުރިނެތްގޮތް ބެލުން. އެމްއެންޑީއެފްގެ ވަރަށް ގިނަ އުޅަނދުތައް ޑިޕްލޮއިކޮށްފައިވާނެ މިހާރު އެކި ސަރަޙައްދުތަކަށް." ފައިޒާން ވިދާޅުވިއެވެ.

ޢިދު ޗުއްޓީއާއި ދިމާކޮށް އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މޫދު ކުޅިވަރުތަކުގައިވެސް ކަނޑުމައްޗަށް އަރާއިރު ސަލާމަތީ ކަންކަމަށް ބަލަންޖެހޭކަމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ. އަދި އާއިލާއާއެކު މޫދަށް ދާއިރުވެސް ކުޑަކުދިން ތިބޭނަމަ، ގޮނޑުދޮށުގައިވެސް ކުދިންގެ ސަލާމަތަށް ވިސްނުމަށާއި، ކަނޑުދަތުރުކުރާއިރުވެސް ލައިފްޖެކެޓު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްއެންޑީއެފްއިންވަނީ މުދާ އުފުލާ އުޅަނދުތަކުންވެސް މިދުވަސްވަރު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ގިނަ އުޅަނދުތަކުގައި ކެޕްޓެންގެ އިތުރުން ބިދޭސީން ތިބޭއިރު، ރޭގަނޑު ދޯނީގެ ހުންގާނު އެމީހުންނަށް ދޫކޮށްލެވޭ ފަހަރުތަކުގައި ފަރަށް އެރުމުގެ ޙާދިސާތައް ހިނގާކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އެހެންކަމުން މޫސުން ގޯސްކޮށް އޮންނަ ދުވަސްވަރުތަކުގައި ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާއިރު ޚާއްސަ ސަމާލުކަމެއް ރައްކާތެރިކަމެއް ދިނުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.