ޚަބަރު

އޭޑީބީން ބަންގްލަދޭޝްއަށް 5 ބިލިޔަން ޑޮލަރު


ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ބަންގްލަދޭޝްއަށް 5 ބިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. އޭޑީބީއިން ބަންގްލަދޭޝްއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި މި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމަށް އިޤްތިޞާދީ ފިއްތުންތައް ކުރިމަތިވުމުގެ އިތުރުން، އެ ޤައުމުގެ މާލީ ޙާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.

އޭޑީބީ ރައީސް މަސާޓޯ ކަންޑާ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެ ބޭންކުން ބަންގްލަދޭޝްގެ އިންޓަގްރެޓެޑް ގްރޯތު ނެޓްވޯކް ޑިވެލޮޕްމެންޓް އިނިޝިއޭޓިވްއަށް ފައިސާ ދޭނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެ ޕްރޮގުރާމަކީ ބަންގްލަދޭޝްގައި ދަތުރުފަތުރު ފަސޭހަކޮށްދީ، އިންވެސްޓްމަންޓުތައް އިތުރުކޮށް، ހަމަހަމަ ގޮތެއްގައި ސަރަޙައްދީ ތަރައްޤީ ގެނައުމަށް އަމާޒުކުރާ ޕްރޮގުރާމެކެވެ.

ކަންޑާގެ ދަތުރުފުޅުގައި އޭނާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޠާރިޤު ރަޙްމާންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ބަންގްލަދޭޝްގެ ތަރައްޤީއަށް މުހިންމު ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން އިޤްތިޞާދު ކުރިއެރުމާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައިވެއެވެ.

އޭޑީބީއިން ބަންގްލަދޭޝްއަށް އެހީތެރިވާނެ ކަން އިޢުލާނުކޮށްފައިވާއިރު، އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއެކު ފެށިފައިވާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝްގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެއީ އެ ޤައުމަކީ ބޭރު ޤައުމުތަކުން އެ ޤައުމަށް އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމަކަށް ވާތީއެވެ. ހަނގުރާމައިގެ ސަބަބުން ތެލާއި ޤުދުރަތީ ގޭހުގެ އިތުރުން ގަސް ކާނާއާއި ޝިޕިންގގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. ބަންގްލަދޭޝްގައި ވެސް ތަކެތީގެ އަގު އުފުލިފައިވާއިރު، ބޭންކިންގ ދާއިރާއަށް ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ކަންޑާ ވިދާޅުވީ ބަންގްލަދޭޝްއިން މިހާރު އޮތީ ނާޒުކު މަރުހަލާއެއްގައި ކަމަށާއި، އޭޑީބީއިން އެ ޤައުމުގެ ހަމަޖެހުން ހިމާޔަތްކޮށް، ކުރިއެރުން ހޯދޭނެ އައު މަގުތައް ހޯދައިދީ، މިހާރަށް ވުރެ ސިންދަފާތު އަދި ވިލުންތެރި އިޤްތިޞާދެއް ބިނާ ކުރުމަށް ބަންގްލަދޭޝްއަށް އެހީތެރިވާނެ ކަމަށެވެ.

އޭޑީބީގެ ޕެކޭޖުގެ ދަށުން އަހަރަކު ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރު ބަންގްލަދޭޝްއަށް ފޯރުކޮށްދޭނެއެވެ.

ކަންޑާގެ ދަތުރުފުޅުގެ ތެރެއިން އޭޑީބީއިން ވަނީ ބަންގްލަދޭޝްގެ ހަކަތައާއި ދަތުރުފަތުރާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއަށް ޚަރަދު ކުރުމަށް 1.4 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ އިިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝްގެ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ޙައްލު ކުރުމަށް 250 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ވެސް އެއްބަސްވެފައިވެއެވެ.

އޭޑީބީއިން ވަނީ އެ ބޭންކުން ބަންގްލަދޭޝްއަށް އަހަރެއްގެ މައްޗަށް ފޯރުކޮށްދޭ ފައިސާގެ ޢަދަދު 20 އިންސައްތައިން އިތުރުކުރުމަށް ރާވައިފައެވެ. އެ ނިންމުން ތަންފީޒު ކުުރުން އޭޑީބީއިން ފޯރުކޮށްދޭ ފައިސާގެ ޢަދަދު 2 ބިލިޔަން ޑޮލަރުން 2.4 ބިލިޔަން ޑޮލަރަށް އިތުރުވާނެއެވެ.