ޚަބަރު

ބަންގްލަދޭޝް ބަލިކޮށް ރާއްޖެއަށް ކާވާ މުބާރާތުގެ ހަތްވަނަ


  • ރާއްޖެ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ބަންގްލަދޭޝްއާ

  • ރާއްޖެ މިހާރު އޮތީ އެފްއައިވީބީ ރޭންކިންގެ 71 ވަނައިގައި

ނޭޕާލްގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ރޭންކިންގ މެޗުތަކުގެ އެންމެ ފަހު މެޗު ކާމިޔާބުކޮށް، ރާއްޖެއިން މުބާރާތުގެ ހަވަނަ ހޯދައިފިއެވެ.

ރޭންކިންގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް، ރާއްޖެއިން މެޗު ކާމިޔާބުކޮށްފައި ވަނީ ފަހަތުން އަރައި، 1-3 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު، 25-27 އިން ބަންގްލަދޭޝް ޓީމުން ގެންގޮސްފައި ވަނިކޮށް، ރާއްޖެއިން މެޗު ކާމިޔާބުކުރީ 11-25، 17-25 އަދި 12-25 ގެ ނަތީޖާއިން ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރާއްޖޭގެ ކެޕްޓަން ޙައްވާ ރާޝިދާއެވެ.

މެޗަށް ނުކުތްއިރު، ދެޓީމުވެސް އޮތީ ސެޓެއް ކާމިޔާބު ނުކުރެވި، ގުރޫޕް ސްޓޭޖުގެ ތިން މެޗުގެ އިތުރުން ރޭންކިންގގައި ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެފައެވެ.

އެހެންކަމުން، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ރޭންކިންގ ގައި ރާއްޖެ ފުރަތަމަ ފަހަރަށް ހިމެނުނުއިރު 63 ވަނައިގައި އޮތް ނަމަވެސް ގުރޫޕްގެ ނަތީޖާ ނުކުތް ގޮތުން ރާއްޖެ ވަނީ ރޭންކިންގެ 10 ދަރަޖަ ފަހަތަށް، 73 ވަނައަށް ވެއްޓިފައެވެ. ނަމަވެސް ކާވާ ރޭންކިންގ މެޗުގައި ބަންގްލަދޭޝް ބަލިކުރުމާއެކު ރާއްޖެ ވަނީ 70 ވަނައަށް ޖެހިލާފައެވެ. އެހެންނަމަވެސް، ހުރިހާ މެޗެއް ނިމުނުއިރު ރާއްޖެ ވަނީ ރޭންކިންގެ 71 ވަނައަށް ވެއްޓިފައެވެ.

މި މުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރިއިރު، މުބާރާތުގެ ފަސްވަނައިން ފެށިގެން އަށްވަނައާ ހަމައަށް ރޭންކުވެފައިވާ ޓީމުތަކަށް ބަލާއިރު، މުބާރާތުގެ ފަސްވަނަ ލިބިފައިވަނީ ކިރްގިސްތާނަށެވެ. ސްރީލަންކާ ހަވަނައިގައި އޮތް އިރު، ހަތްވަނައިގައި އޮތީ ރާއްޖެއެވެ. އަދި ފުލުގައި އޮތީ ބަންގްލަދޭޝްއެވެ.