ޚަބަރު

ހުރްމުޒް ބޭނުން ނުކުރެވޭ ނަމަ ހޫނު މޫސުމުގައި ތެލަށް ޖެހުމުގެ ނުރައްކާ


ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި ކުރިއެކޭ އެއްގޮތަށް އެ މަގުން ދަތުރު ނުކުރެވޭ ނަމަ ހޫނު މޫސުމުގެ ދުވަސްވަރު ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ލިިބެން ހުންނާނެ ކަން ކަށަވަރު ކުރުމަށް ހުރަސްއެޅޭ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްްއެފްއާއި ވޯލްޑް ބޭންކްއާއި ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާ، އައިއީއޭއިން ބުނެފިއެވެ.

މިދިޔަ ފެބްރުއަރި މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން އީރާނުން ވަނީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިކޮށްފައެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އީރާނުން އެ ޤައުމުގެ އަމިއްލަ ދިފާޢުގައި ވަނީ ގަލްފު ސަރަޙައްދުގައި ހުންނަ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތުތަކަށް ޙަމަލާ ދީފައެވެ.

ތިން މާލީ އިދާރާއިން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ތެޔޮ ލިބުމަށް ދަތިވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ތެޔޮ އިންވެންޓަރީ ތަކުން ތެޔޮ ނަގަމުންދާ މިންވަރު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. ހަނގުރާމައިގެ ކުރީގެ ދުވަސްތަކާ އެއްގޮތަށް އަލުން އެ ކަނޑުއޮޅިން ތެޔޮ ނުއުފުލޭ ނަމަ، އުތުރު ހެމިސްފިޔަރގައި ހޫނު މޫސުމުގައި ތެލަށް އޮންނަ ޑިމާންޑު އިތުރުވުމާއެކު އިންވެންޓަރީތަކުގައި ހުރި ތެލުގެ ސްޓޮކް، ހަލުވިކަމާއެކު ހުސްވަމުންދާނެ ކަމަށް އެ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ލިިބެން ހުންނާނެ ކަން ކަށަވަރު ކުރުމަށާއި، ބާޒާރުގެ ޙާލަތަށް ހިރާސްތައް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އިޤްތިޞާދީ ވިލުންތެރި ކަމަށް ވެސް އަސަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި އިދާރާތަކުގެ އިސްވެރިން ވަނީ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ގަސްކާނާގެ އަގު އިންތިހާއަށް އުފުލިފައިވާ ކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ފަޤީރު ޤައުމުތަކަށް ބޮޑެތި އަސަރުތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ގޮވާން އިންދާ މޫސުމުގައި ގަސްކާނާގެ އަގު އުފުލުމަކީ އެ ކަމާ މެދު އެ އިދާރާތަކުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

އައިއެމްއެފްއިން މި އަހަރު ބޭއްވި ބައްދަލުވުމެއްގައި އެ އިދާރާގެ އިސްވެރިޔާ، ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް އައިއެމްއެފްއިން މީގެ ކުރިން އަންދާޒާކޮށްފައިވާ ރޭޓު ދަށް ކުރުމަށް މަޖުބޫރުވި ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ނާޒުކު އިޤްތިޞާދުތަކަށް 20 ބިލިޔަނާއި 50 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ ޢަދަދަކަށް މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑެތި އަސަރުތައް ކުރަމުންދާއިރު، އެންމެ ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ގަލްފުގެ ޤައުމުތަކުން ތެލާއި ގޭސް އެތެރެކުރާ ޤައުމުތަކަށެވެ. އޭގެ ތެރޭގައި ދެކުނާއި ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ. ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުުމަށް ވެސް ވަނީ ހުރަސްއެޅިފައެވެ.

އައިއެމްއެފްއިން މި ހަފްތާގެ ތެރޭގައި ވަނީ މާލީ އެހީތެރިކަމުގެ ޕެކޭޖަކަށް ބަންގްލަދޭޝްއިން އެދިފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. އެ ޤައުމަށް އެހީތެރިވުމަށް ޕެކޭޖެއް އެކުލަވައިލުމަށް މަޝްވަރާކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.