14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ދަގަ 16 ގައި އިއްޔެ ކުޅުނު ފަހު 2 މެޗުގައި ރެހެންދި ސްކޫލާއި ގުރައިދޫ ސްކޫލުން ބޮޑު މޮޅެއް ހޯދައި، ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މާފަންނު އެއް ނަންބަރު ޓާފްގައި ކުޅޭ މި މުބާރާތުގައި އިއްޔެ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ މަދްރަސަތުލް އިފްތިތާޙާއި ރެހެންދި ސްކޫލެވެ. ރެހެންދި ސްކޫލުން މެޗު ކާމިޔާބުކޮށްފައިވަނީ 0-5 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 11 ވަނަ މިނެޓުގައި ރެހެންދި ސްކޫލުން ލީޑުނެގި ހިސާބުން ގިނައިން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރެހެންދި ސްކޫލުންނެވެ.
މެޗުގައި ގިނަ ގޯލުތައް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން، 0-1 ގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިންމާލިނަމަވެސް ރެހެންދި ސްކޫލުން ވަނީ ދެވަނަ ހާފު ފަށައިގެން ސިކުންތުކޮޅެއްގެ ތެރޭގައި ދެވަނަ ގޯލު ޖަހާފައެވެ.
ރެހެންދި ސްކޫލުގެ 3ވަނަ ގޯލު، މެޗުގެ 30 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، 4ވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ދެގޯލަކީވެސް މަދްރަސަތުލް އިފްތިތާޙްގެ ކީޕަރަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ޖަހާފައިވާ ދެ ގޯލެވެ.
ރެހެންދި ސްކޫލުގެ ފަހު ގޯލު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.
އިއްޔެގެ ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލާއި ގުރައިދޫ ސްކޫލެވެ. މި މެޗު، ގުރައިދޫ ސްކޫލުން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއިންނެވެ. ވާދަވެރި ކުޅުމަކަށްފަހު، ގުރައިދޫ ސްކޫލުން ލީޑުނަގާފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނުނު ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިފައިވެއެވެ.
މެޗުގައި ގުރައިދޫ ސްކޫލުގެ ދެވަނަ ގޯލު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ގުރައިދޫ ސްކޫލުން މެޗުގައި ކާމިޔާބުކުރި ފަހު 2 ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 39 ވަނަ މިނެޓުގެ އިތުރުން، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.
މިހާތަނަށް މުބާރާތުގެ ކުއާޓަރއިން ޖާގަ ހޯދާފައިވަނީ ގުރައިދޫ ސްކޫލާއި ރެހެންދި ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ޣިޔާސުއްދީން ސްކޫލެވެ.