ޚަބަރު

ފުރަތަމަ 11 އިން ބެލިންހަމަށް ޖާގަ ލިބޭނީ މަސައްކަތް ކޮށްގެން: ޓުޗެލް


  • އިންގްލަންޑް ޓީމުގައި ފުރަތަމަ 11 އަރާނެ 14 ނުވަތަ 15 ކުޅުންތެރިން އެބަތިބި

މިފަހަރުގެ ވާރލްޑް ކަޕްގައި ވާދަކުރާ އިންގްލަންޑް ޓީމުގެ ފުރަތަމަ އެގާރައިން ޖޫޑް ބެލިންހަމްއަށް ޖާގަލިބޭނީ މަސައްކަތް ކޮށްގެން ކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ހާމަކޮށްފިއެވެ.

އިންގްލަންޑްގެ ކޯޗު ހާމަކުރިގޮތުގައި އޭނާގެ ޓީމުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދޭނެ 14 ނުވަތަ 15 ކުޅުންތެރިން އެބަތިބި ކަމަށާއި އެހެން ކަމުން ބެލިންހަމްއަށް ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރު ވެގެންދާނީ އެކަމަށް މަސައްކަތް ކޮށްގެންކަމަށެވެ.

އިންގްލަންޑްގެ ކޯޗު ކަމާއި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓުކެލް ހަވާލުވިފަހުން އިންގްލަންޑް ޓީމުގެ ފުރަތަމަ އެގާރައިގާ ހިމެނުމުގެ ފުރުސަތު ބެލިންހަމްއަށް ލިބިގެން ގޮސްފައިވަނީ ހަތަރު ފަހަރުއެވެ. އަދި ތިން ފަހަރު ވަނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން އަރައިފައެވެ.

ބެލިންހަމްގެ ބަދަލުގައި ޓުޗެލް މިހާތަނަށް ބޮޑަށް ބަރޯސާވެފައިވަނީ އެސްޓަންވިލާގެ މޯގަން ރޮޖަރސްއަށެވެ. ރޮޖަރސްވަނީ ޓުޗެލްގެ ބެލުމުގެ ދަށުން އިންގްލަންޑް ކުޅެފައިވާ 13 މެޗުގެ ތެރެއިން 12 މެޗުގައި ކުޅެފައެވެ. އަދި އޭނާއަކީ ވާރލްޑް ކަޕް ކޮލިފައިންގައި އިންގްލަންޑް ކުޅުނު 8 މެޗުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއެވެ.

ޓުޗެލް ހާމަކުރިގޮތުގައި ބެލިންހަމްއަކީ އިންގްލަންޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ އެއް ކުޅުންތެރިޔާ ކަމަށާއި އެކަން އޭނާއަށްވެސް އެނގޭނޭ ކަމަށެވެ. ނަމަވެސް އިންގްލަންޑް ޓީމުގައި ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ 14 ނުވަތަ 15 ކުޅުންތެރިން ތިބުމުން ބެލިންހަމަށްވެސް ޖާގައެއް ކަށަވަރު ވެގެންދާނީ މަސައްކަތް ކޮށްގެން ކަމަށެވެ.

2024 ވަނަ އަހަރުގެ ޔޫރޯއަށް ބަލާލާއިރު އިންގްލަންޑް އިން ކުޅުނު ހަތް މެޗުގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ބެލިންހަމް ކުޅެފައިވާއިރު މުޅި މުބާރާތުގައިވެސް އޭނާއަށް ގެއްލިފައިވަނީ 29 މިނެޓްގެ ކުޅުމެވެ. ނަމަވެސް ޓުޗެލް އިންގްލަންޑްގެ ކޯޗު ކަމާއި ހަވާލުވިފަހުން މިކަންވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ނަމަވެސް މިކަން މިހެން ވުމުގައި އޭނާގެ ކޮނޑަށް ލިބިގެންދިޔަ އަނިޔާ އަކާއި ގުޅިގެން ކުރި އޮޕަރޭޝަންވެސް ބޮޑު ބައެއް އަދާކުރިއެވެ.

މިއަނިޔާގެ ސަބަބުން އޭނާއަށް ކޮލިފައިންގ ދެމެޗު ގެއްލިގެން ދިޔައިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި ޓީމުން އޭނާއަށް ޖާގަ ލިބިފައިނުވުމުގެ ސަބަބުން ލެޓްވިއާ އާއި ދެކޮޅަށް ކުޅުނު ކޮލިފައިންގ މެޗުގައިވެސް ކުޅުމުގެ ފުރުސަތު އޭނާއަށް ނުލިބުނެވެ. އަދި ނޮވެމްބަރު މަހު އިންގްލަންޑް ޓީމުގައި ހިމެނިގެންދިޔަ ނަމަވެސް މިއަހަރުގެ މާރޗް މަހު އިންގްލަންޑް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި އަނިޔާގެ ސަބަބުން ބެލިންހަމަށް ބައިވެރިވެވޭގޮތެއް ނުވިއެވެ. އަދި ސެނެގާލް އަތުން މިދިޔައަހަރު އިންގަަންޑް ބަލިވި މެޗުގައި ބެލިންހަމް ދެއްކި ކުޅުމަށް ޓުޗެލް ފާޑު ކިޔުމާއި ގުޅިގެން މިދެ ފަރާތުގެ ގުޅުން ހީނަރުވެގެންދިޔަ ދުވަސް ކޮޅެއްވެސް ދިޔައެވެ.

އިންގްލަންޑް އެންމެ ފަހުން ނިއުޒީލަންޑް އާއި ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި ބެލިންހަމްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ޓުކެލް ހުރީ ހިތްހަމަޖެހިފައެވެ.

ޓުޗެލް ބުނީ އަނިޔާގެ ސަބަބުން ސީޒަނުގެ ބޮޑު ބައެއް ބެލިންހަމްއަށް ގެއްލުން އެއީ ދެރަ ކަމެއް ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން މިމުބާރާތަށް ކުރިމަތިލާއިރު ބެލިންހަމްގެ ފަރާތުން ކުޅެން ބޭނުންވެފައިވާމިންވަރު ފެނިގެންދާއިރު އޭނާ މިހާރު ހުރީ ފިޒިކަލީ ގޮތުން ރަނގަޅު ޝޭޕެއްގައިކަމަށެވެ.