ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑް އިން ކުޅުނު ރަހްމަތްތެރިކަމުގެ ފަހު މެޗުގައި ކޮސްޓަރީކާ އާއި ބައްދަލުކޮށް ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ އޯލާންޑޯގައި ކުޅުނު މިމެޗު އިންގްލަންޑް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުންނެވެ. މޫސުން ގޯސް ވުމުގެ ސަބަބުން އެއް ގަޑިއިރު ފަހުން ފެށި މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑްއިންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނެޓްގައި އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށް އިންގްލަންޑް ޓީމަށް ކުރި ހޯދައިދިނީ ޑެކްލަން ރައިސްއެވެ. މިމެޗުގައި އިންގްލަންޑްގެ މެދުތެރެއިން ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައިވަނީ ޖޫޑް ބެލިންހަމްއެވެ. އަދި އޭނާވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މިގޮތުން ފުރަތަމަ ހާފުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޯނީ މަޑުއެކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އަދި ދެވަނަ ހާފުގައި އިންގްލަންޑްއަށް ލިބިގެންދިޔަ ޕެނަލްޓީ ލިބިފައިވަނީވެސް ބެލިންހަމް ތަނަވަސްކޮސްދިން ފުރުސަތެއްގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ލިބިގެންދިޔަ މިޕެނަލްޓީ ވައްދާލާ އެޓީމުގެ ލީޑު ފުޅާކޮށްދިނީ ގޯޑަންއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔާ އޮލީ ވޮޓްކިންސްވަނީ އިންގްލަންޑްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މިއީ މިފަހަރުގެ މުބާރާތުގެ ކުރިން އެޓީމުން ރަސްމީކޮށް ކުޅޭ ރަހްމަތްތެރިކަމުގެ ފަހު މެޗު ކަމުގައި ވީނަމަވެސް އިންގްލަންޑް އިން ވަނީ ބައެއް ކުޅުންތެރިންނަށް މެޗުގެ ތަޖްރިބާ އިތުރަށް ދިނުމުގެ ގޮތުން މައޭމީ އެފްސީ އާއި އެކު ކުޅިބެލުންތެރިން ނުވައްދާ މެޗެއް ކުޅުމަށް ނިންމާފައެވެ.
ގިނަ ބަޔަކު ޤަބޫލް ކުރާގޮތުގައި ކޮސްޓަރީކާ އާއި ދެކޮޅަށް ކުޅުނު މެޗަކީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ދެކޮޅަށް އިންގްލަންޑް ނިކުތުމުގެ ކުރިން ޓީމުގެ ފެންވަރު ބަލައިލާ ޓީމު އެކުލަވާލުމަށް ކޯޗު ތޯމަސް ޓުކެލްއަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ. މިމެޗުގައި ޓުކެލްވަނީ ބަދަލު ކުޅުންތެރިންނާއި އެކު މުޅިއަކު 22 ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ.