މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިއެރުން ލިބޭ މިންވަރު ކޯވިޑް-19ގެ ދުވަސްވަރަށް ފަހު އިޤްތިޞާދީ ކުރިއެރުން ހުރި ނިސްބަތަށް ވުރެ ދަށްވާނެ ކަމަށް ބެލެވޭ ކަމުގެ އިންޒާރު ވޯލްޑް ބޭންކްއިން ދީފިއެވެ.
ވޯލްޑް ބޭންކްއިން ނެރުނު އެންމެ ފަހުގެ ގްލޯބަލް އެކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައި ބުނީ 2026ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ މިންވަރު ކަމަށް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަންދާޒާކޮށްފައިވާ މިންވަރު 2.9 އިންސައްތައިން 2.5 އިންސައްތައަށް ދަށް ކޮށްފައިވާ ކަމަށެވެ. އެ ބަދަލު ގެންނަން ޖެހުނު ސަބަބުތަކުގެ ގޮތުގައި ވޯލްޑް ބޭންކްއިން ފާހަގަކުރީ ހަކަތައިގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލިގެން ދިޔުމާއި ތަކެތީގެ އަގު ބޮޑުވަމުން ދިޔުމުގެ އިތުރުން ލޯނު ނެގުމަށް އަތުން ޚަރަދުކުރަންޖެހޭ މިންވަރު އިތުރުވުމެވެ.
ރިޕޯޓުގައި ބުނީ ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައިވާ ނަމަވެސް ހަނގުރާމައިގެ ޙާލަތަށް އަނެއްކާ ވެސް ދެންމެދެންމެ ދިޔުމުގެ ފުރުޞަތު އޮތުމުން ހަނގުރާމައިގެ އިޤްތިޞާދީ އަގު ވަރަށް ބޮޑުވާނެ ކަަމަށެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ގޭހާއި ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން އެއްކޮށް ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރަ ބޮޑުވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ސަޕްލައި ޗޭނަށް ވެސް ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ. ޙާލަތު އިތުރަށް ގޯސްވާ ނަމަ އިޤްތިޞާދުތައް ކުރިއަރާ މިންވަރު އިތުރަށް މަޑުޖެހުން އެކަށީގެންވާ ކަމަށް ވެސް އެ ބޭންކްއިން ބުނެފައިވެއެވެ.
ވޯލްޑް ބޭންކްއިން ލަފާ ކުރާ ގޮތުގައި ސާފުނުކުރާ ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މި އަހަރުގެ ތެރޭގައި އެވަރެޖުކޮށް ހުންނާނީ 95 އެމެރިކާ ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އެވަރެޖް އަގާ އަޅާބަލައިއިރު 36 އިންސައްތަ އިތުރު ޢަދަދެެވެ. އޭގެ އިތުރުން ގަސްކާނާގެ އަގުތައް ވެސް މި އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ. އެއާއެކު ކާބޯތަކެތީގެ އަގު ވެސް އިތުރުވެގެން ދާނެއެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގައި މުދަލާއި ޚިދުމަތްތަކުގެ އަގުތައް 4 އިންސައްތައިން އުފުލޭނެ ކަމަށް ވޯލްޑް ބޭންކްއިން ވަނީ ލަފާކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އިންފްލޭޝަން ނިސްބަތް ކަމަށްވާ 3.3 އިންސައްތައަށް ވުރެ އިތުރު ނިސްބަތެކެވެ.
ވޯލްޑް ބޭންކްއިން ބުނީ ހަކަތައިގެ ދާއިރާގެ ސަޕްލައި ދަތިތައް އިތުރަށް ގޯސްވާ ނަމަ އިޤްތިޞާދީ ކުރިއެރުން 1،3 އިންސައްތައާ ހަމައަށް ދަށަށް ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި އިންފްޕޭޝަން ވެސް 4.4 އިންސައްތައަށް އުފުލުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެންމެ ބޮޑު އަސަރެއް ކުރާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުތަކަށް
ކަމަށް ވެސް އެ ބޭންކްއިން ފާހަގަކޮށްފައިވެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ޙާލަތު ގޯސްވާ ޤައުމުތަކަށް އެހީވުމަށް ވޯލްޑް ބޭންކްއިން 60 ބިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާ ކަމަށާއި، އަލިމަގެއް ނުފެނި ޙާލަތު އިތުރަށް ގޯސްވާ ނަމަ އެ ޢަދަދު 100 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރާނެ ކަމަށް ވެސް އެ ބޭންކްއިން ބުނެފައިވެއެވެ.