ޚަބަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ވޯލްޑް ކަޕް އެމެރިކާގައި ފަށައިފި


  • ވޯލްޑް ކަޕްގެ ގިނަ މެޗުތައް ކުޅޭނީ އެމެރިކާގައި

ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގިނަ މެޗު ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާގައި މިމުބާރާތުގެ މެޗުތައް ކުޅެން ފެށުން ކުލަ ގަދަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ.

ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ބޭއްވި މިރަސްމިއްޔާތުގައި ފާހަގަ ކޮށްލެވޭ ގިނަ ފަންނާނުންތަކެއްގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ.

މިގޮތުން ކޭޓީ ޕެރީ، ފިއުޗަރ، ލީސާ، އަނީޓާ، ރޭމާ އަދި ޓައިލާ ފާހަގަ ވެގެންދިޔައެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިންނެވެ. އެހެންކަމުން ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ސަލާމަތީ ފިޔަވަޅުތައް ހުރީ ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފައެވެ.

މިއީ ކެލިފޯނިއާގެ ދެކުނުގައި ކުޅިވަރު އިވެންޓަކަށް ހިންގުނު ސަލާމަތީ އެންމެ ބޮޑު އޮޕަރޭޝަންގެ ގޮތުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މިގޮތުން ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އާންމުކޮށް އެއަރޕޯޓަކުން ފެނިގެންދާވަރުގެ ސްކްރީނިންގ އެއް ހުރިހާ ކުޅިބެލުންތެރިން ހުރަސްކުރަން ޖެހޭނެކަމަށް ލޮސް އެންޖަލިސްގައި ވޯލްޑް ކަޕްގެ ކަންތައްތައް އިންތިޒާމް ކުރާ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން ފުރަތަމަ މެޗުގައި އެމެރިކާ އައި ދެކޮޅަށް ކުޅުނު ޕެރަގުއާއީގެ ރައީސް ސަންޓިއާގޯ ޕެނާ، ފީފާ ކައުންސިލްގެ އިސް މެންބަރުންނާއި މިފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއިން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ފަރާތްތަކުގެ އިތުރުން ކެލިފޯނިއާ އާއި ލޮސް އެންޖަލިސްގެ އިސް ފަރާތްތައް ބައިވެރިވެފައިވެއެވެ.

އަދި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރައިކާތްތެރިވާ ފަރާތްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ކުރިން ފާހަގަ ކޮށްލެވޭ ގިނަ މޫނުތަކެއްވެސް މިރަސްމިއްޔާތުގައި ފެނިގެން ގޮސްފައިވެއެވެ.