2006 އިން 2022 އާ ދެމެދު ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދާ އަޅައިބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަން އޮކްސްފެމްއިން ހާމަކޮށްފިއެވެ. އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ އޮކްސްފެމްއިން މި ކަން ހާމަކޮށްފައި ވަނީ އެކުވެރި ދައުލަތްތަކުގެ (އދ) ތަފާސްހިސާބުތަކަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓެއްގައެވެ.
އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އިދާރާގެ (އޯސީއެޗްއޭ) ތަފާސްހިސާބުތަކާ ޙަވާލާދީ އޮކްސްފެމްއިން ބުނީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރިން 268 ކުޑަކުދިން ހިމެނޭ ގޮތުގައި 1،244 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. މިއާ ޚިލާފަށް، 2006 އިން 2022 އަށް އެ ސަރަޙައްދުގައި ހިންގާފައިވާ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 225 ކުޑަކުދިން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދަކީ 1،036 އެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަކީ ކުޑަކުއްޖެއް ކަން ވެސް އޮކްސްފެމްއިން ހާމަކުރިއެވެ.
އެ ޖަމުޢިއްޔާއިން ބުނީ، ޔަހޫދީ ސިފައިންގެ ޢުދުވާނީ ޙަމަލާތަކާއި، ގެދޮރު ސުންނާފަތިކުރުމާއި، ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރިން 46،000 އެއްހާ ފަލަސްޠީނުގެ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައެވެ. މިއީ، އޭގެ ކުރީގެ 14 އަހަރާ އަޅައިބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސް ހިމެނޭ ގޮތުގައި، ފަލަސްޠީނު މީހުންގެ ހަރަކާތްތަކަށް ހުރަސްއެޅުމަށް ޔަހޫދީން ޤާއިމުކޮށްފައިވާ ހުރަސްތަކުގެ އަދަދު މިހާރު ވަނީ 925 އަށް އުފުލިފައެވެ.
އޮކްސްފޭމްގެ އިސް އޮފިޝަލެއް ކަމުގައިވާ ބުޝްރާ ޚާލިދީ ވިދާޅުވީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ޣައްޒާއަށް ހުއްޓިފައިވީ ނަމަވެސް، ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް އިތުރު ކުރަމުންދާ ކަމުގައެވެ. މި ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ފަލަސްޠީނުގެ ބިންތަކުގައި ޣައިރުޤާނޫނީ ގޮތެއްގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ފަލަސްޠީނު ރައްޔިތުންނަށް އަމާޒުކޮށް 540 އަށްވުރެ ގިނަ ޙަމަލާދީފައިވާ ކަމުގައި އޮކްސްފެމްގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި، އެ ޖަމުޢިއްޔާއިން ވަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޙިމާޔަތްކުރުމަށާއި، ހަލުވިކަމާއެކު ގޯސްވަމުންދާ އިންސާނީ ޙާލަތަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
ފާއިތުވި އަހަރުތަކުގައި އިރުމަތީ ޤުދުސް ހިމެނޭ ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަނީ ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި މީހުން ހައްޔަރުކުރުމާއި، ޝަހީދުކުރުމާއި، ގެދޮރާއި މުދާ ހަލާކުކުރުމުގެ އިތުރުން ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުން ހިމެނެއެވެ. 2023 އޮކްޓޫބަރުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 73،000 އަށް އުފުލިފައިވާއިރު، އިތުރު 173،000 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.