ޚަބަރު

ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް


ސްޕޭސްއެކްސް ރޮކެޓް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލި، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ، އީލޯން މަސްކްއަށް ލިބިއްޖެއެވެ.

ޓްރިލިއަނަރަކަށް ވުމުގެ ކުރީގައި ވެސް އީލޯން މަސްކްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މުދަލުގެ އަގު އިތުރުވުމުގެ ސަބަބުން އޭނާގެ އެ މަޤާމަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. އޭނާގެ ޖުމްލަ ނެޓް ވޯތު މިހާރު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.

މަސްކްއަށް ޓްރިލިއަނަރެއްގެ މަޤާމު ލިބިފައި ވަނީ ރޮކެޓާއި މުއާސަލާތީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޚިދުމަތްދޭ ސްޕޭސްއެކްސްގެ އަގު ނޭޒްޑެކް ޙިއްޞާގެ ބާޒާރުގައި 2.2 ޓްރިލިއަން އެމެރިކާ ޑޮލަރަށް އެރުމާ ގުޅިގެންނެވެ.

ސްޕޭސްއެކްސްއިން ބުުނީ އެ ކުންފުނީގެ ޙިއްޞާއެއްގެ އެންމެ ކުޑަ އަގަކީ 135 ޑޮލަރު ކަމަށް ވާނެ ކަމަށެވެ. ނަމަވެސް ޙިއްޞާގެ ބާޒާރުގައައި އަގުތައް ފެށިފައި ވަނީ ވެސް 150 ޑޮލަރުންނެވެ. އަދި 176.5 ޑޮލަރަށް ވެސް ޙިއްޞާއެއްގެ އަގު އަރާފައިވެއެވެ. ދުވަސް ނިމުނު ޙިއްޞާއެއްގެ އަގު ހުރީ 161 ޑޮލަރުގައެވެ.

ޙިއްޞާގެ ބާޒާރުގައި ސްޕޭސްއެކްސްގެ ޙިއްޞާ ގަތުމަށް ހުޅުވައިލުމުގެ ކުރިން ކުރިއަށް ގެންދިޔަ އިނިޝަލް ޕަބްލިކް އޮފަރިންގގައި ވެސް އެ ކުންފުންޏަށް 75 ބިލިއަން އެ އިންވެސްޓަރުންގެ ފަރާތުން ލިބިފައިވެއެވެ.

ސްޕޭސްއެކްސްގެ 42 އިންސައްތަ ޙިއްޞާއަކީ އީލޯން މަސްކްގެ މުދަލެވެ. އެހެންކަމުން އެ ކުންފުނީގެ ނިންމުންތައް ނިންމުމުގައި މަސްކްއަށް ބޮޑު ބާރެއް ލިބިގެންވެއެވެ. އެ ގޮތުން އެ ކުންފުންޏަށް އިންސްޓަރުން އިންވެސްޓު ކުރާ ފައިސާ ޚަރަދު ކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު ވެސް އޭނާއަށް ލިބިގެންވެއެވެ. ސްޕޭސްއެކްސްގައި އޮންނަ އޭނާގެ ޙިއްޞާގެ އަގު 767.1 ބިލިއަނަށް އަރާ ކަމަށް ބްލޫމްވަރގްއިން ވަނީ އަންދާޒާކޮށްފައެވެ. ސްޕޭސްއެކްސްގެ ސްޓޮކް އޮޕްޝަންތަކުގެ އަގު 53.8 ބިލިއަނަށް އަރާއިރު، އޭނާގެ ޓެސްލާ ކުންފުނީގެ ޙިއްޞާގެ އަގު 168 ބިލިއަނަށް އަރައެވެ. އޭގެ އިތުރުން ޓެސްލާގެ ސްޓޮކް އޮޕްޝަންތަކުގެ ވެސް 116.4 ބިލިއަން ޑޮލަރާ ގާތްކުރެއެވެ.