ޚަބަރު

ޔަހޫދީ ވަޒަންވެރިން އިތުރުކުރަން 51 މިލިއަން ޑޮލަރު ކަނޑައަޅައިފި


ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން އިތުރުކުރަން 51 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިސްތިޢުމާރާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ، "ޕީސް ނައު" އިން ބުނީ، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން އާބާދުކުރުމަށް 69 އިތުރު ސަރަޙައްދެއް ޤާއިމުކުރުމަށް ޔަހޫދީ ދައުލަތުން ނިންމާފައިވާ ކަމަށެވެ.

އަދި ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކާއި ޔަހޫދީ ފައުޖު ޤާއިމުވެ ތިބޭނެ މަރުކަޒުތައް ފުޅާކުރަން 337 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅަން މަޝްވަރާތައް ވެސް ކުރެވެމުންދާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި އިރުމަތީ ޤުދުސް ހިމެނޭ ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަނީ ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި މީހުން ހައްޔަރުކުރުމާއި، ޝަހީދުކުރުމާއި، ގެދޮރާއި މުދާ ހަލާކުކުރުމުގެ އިތުރުން ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުން ހިމެނެއެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަުގައި ޔަހޫދީންގެ 750،000އަށްވުރެ ގިނަ ވަޒަންވެރިން މިހާރު ވެސް ޤަވާއިދާ ޚިލާފަށް ދިރިއުޅެއެވެ.

އޭގެތެރޭގައި އިރުމަތީ ޤުދުސްގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ 250،000 ޔަހޫދީން ހިމެނެއެވެ.

މިގޮތުން، ޔަހޫދީން ދިރިއުޅެން ހުޅަނގު އައްސޭރީގައި 141 ސަރަޙައްދެއް މިހާރުވެސް ވަނީ ޤާއިމުކޮށްފައެވެ.

ޞަހްޔޫނީން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ޤައުމުގެ ރައްޔިތުން އިސްތިޢުމާރު ކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ.