ޚަބަރު

ކުޑަކުދިންގެ މައްސަލާގައި ޔަހޫދީން ހަޑިހުތުރު ބަހުން ވާހަކަ ދައްކައިފި


އދގައި ހުންނަ ޔަހޫދީންގެ މަންދޫބު ޑެނީ ޑެނަން، އދގެ ބައްދަލުވުމެއްގައި ޒުވާބު ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައެއް ހޫނުވެ، އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ.

ޔަހޫދީންގެ މަންދޫބު ވަނީ އދގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބު ޕްރަމިލާ ޕެޓެން އަށް ޒާތީ ގޮތުން ބަހުގެ ޙަމަލާތަކެއް ދިނުމަށްފަހު، އޭނާގެ އިސްތިޢުފާއަށް ގޮވައިފައެވެ.

މި ކަން ހިނގާފައިވަނީ ހަނގުރާމައިގެ ތެރެއިން ކުރާ ޖިންސީ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމަށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް އިޝާރާތްކޮށް ޑެނަން ބުނީ ޔަހޫދީންނާ ދެކޮޅުވެރި ވިސްނުމަށް ޕެޓެން ވެސް ދީލާލާފައިވާ ކަމަށެވެ.

ޑެނަންގެ މި ތުހުމަތަށް ރައްދު ދެއްވަމުން، ޕެޓެން ވަނީ، ޒާތީނުވުމަށް ޔަހޫދީންގެ މަންދޫބުގެ ކިބައިން އެދިވަޑައިގެން، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ސާބިތު ހެކި ހުރިކަމަށް ވިދާޅުވެފައެވެ.

ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ މި ބައްދަލުވުމުގައި ޑެނަން ބުނީ އދގެ ޚާއްސަ މަންދޫބު ވެނެސާ ފްރޭޒިޔާ ވާހަކަ ނުދައްކާ މަޑުން އިންނަވަންޖެހޭ ކަމަށެވެ.

އަދި ޔަހޫދީ ދައުލަތަކީ އދގެ މެމްބަރު ޤައުމެއް ކަމަށާއި، އދގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަނީ އދގެ މެމްބަރު ޤައުމުތަކަށް ކަމަށް ޑެނަން ބުންޏެވެ.

ފްރޭޒިޔާ ވެސް ވަނީ ޒާތީ ނުވުމަށް އެދިވަޑައިގެން، ނިޒާމީ ނުކުތާއެއް ވެސް ނަންގަވަން މަސައްކަތް ކުރައްވައިފައެވެ.

މި ބަހުސް ހޫނުވެފައިވަނީ، މޯލްޓާގެ ކުރީގެ ރައީސް ޕެޓެން މިދިޔަ މަހު ނެރުއްވި ރިޕޯޓަކާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި، ހަނގުރާމައިގެ ތެރެއިން ޔަހޫދީން ކުޑަކުދިންނަށް ޖިސްމާނީ އަނިޔާތައް ކުރުން އިންތިހާއަށް އިތުރުކޮށްފައިވާ ފާހަގަކޮށްފައެވެ. ހަނގުރާމައިގެ ތެރެއިން ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ އެންމެ ގިނައިން ދޭ ޤައުމުތަކުގެ ލިސްޓުގައި ޔަހޫދީ ދައުލަތް މިހާރު ވެސް ހިމެނެއެވެ.

މިދިޔަ މަހު ޕެޓެންގެ ރިޕޯޓް ނެރުނުއިރު ޔަހޫދީ ދައުލަތުން ވަނީ އެ ރިޕޯޓުގައި ހިމަނާފައިވާ ހޯދުންތައް ބަލައިގަންނަން ދެކޮޅު ހަދައި، މި އަހަރުގެ ފަހުކޮޅު ސެކްރެޓަރީ ޖެނެރަލްގެ ދަޢުރު ހަމަވާ ގުޓަރެސަށް އެއްބާރުލުންނުދޭން ނިންމައިފައެވެ.

ޕެޓެންގެ ރިޕޯޓުގައި ވަނީ، މީގެ 30 އަހަރު ކުރިން، ހަނގުރާމައިގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ އދއިން ބަލަން ފެށި ފަހުން، ކުޑަކުދިންނަށް ކުރަމުންދާ ޖިސްމާނީ އަނިޔާތަކުގެ ޒިންމާ، ޔަހޫދީ ދައުލަތުން އުފުލަން ޖެހޭނެކަމަށް ކަނޑައަޅައިފައެވެ.

ޑެނަން އޭރު ވެސް ވަނީ، މިއީ ޔަހޫދީން ބަދުނާމު ކުރަން ޕެޓެން އިސްވެ ހިންގި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޖިންސީ އަނިޔާއާ ބެހޭ 2025 ވަނަ އަހަރުގެ ރިޕޯޓުގައި ވެސް، އެފަދަ ޖަރީމާތައް ބަލައި، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޔަހޫދީ ދައުލަތުން އދއަށް ސީދާ ގޮތުން ހުރަސްއަޅާކަމަށް ބުނެފައެވެ.