ޚަބަރު

އަނެއްކާވެސް ހުރްމުޒް ބަންދު، އެމެރިކާގެ މަންދޫބުން ސްވިޒަލެންޑަށް


އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނިކޮށް ޔަހޫދީން ލުބުނާނަށް ޙަމަލާދީ 32 މީހުން ޝަހީދުކޮށްލުމުން އީރާނުން އަނެއްކާ ވެސް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ. އީރާނުން މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައި މި ވަނީ ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި ސޮއިކޮށްފައިވާ ފަހުމުނާމާއާ އެމެރިކާއާއި ޔަަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. ޔަހޫދީންގެ މި ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އެމެރިކާއާއި އީރާނުން ކުރަމުންދާ މަސައްކަތްތަކަށް މި ވަނީ ހިޔަނިއެޅިފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހުރި މައްސަލަތަކާ ގުޅޭ ގޮތުން 60 ދުވަހުގެ މުއްދަތަށް މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު، އެ މަޝްވަރާތައް ކުރިއަށް ގެންދިޔުމާ ގުޅޭ މައިގަނޑު އެއް ޝަރުތުގެ ގޮތުގައި ލުބުނާނަށް ޙަމަލާ ނުދިނުން ހިމަނާފައިވެއެވެ. ނަމަވެސް ލުބުނާނުގެ މަދަނީ ދިފާޢުއިން ވަނީ އެ ޤައުމަށް ޙަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްވުމުގެ މަދު ގަޑިއިރުކޮޅެއް ތެރޭގައި ޔަހޫދީން ލުބުނާނަށް ވައިގެ ޙަމަލާތައްދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފައެވެ. ޔަހޫދީން ބުނަމުންދަނީ އީރާނާއި އެމެރިކާއާ ދެމެދު ޤާއިމްކުރާ އެއްބަސްވުމަކަށް ޔަހޫދީން ޢަމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ނުބާލާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ލުބުނާނުގެ ޙިޒްބުاللهއިން ބުނަމުން ދަނީ އެ ޖަމާޢަތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ދާނެ ކަމަށެވެ. ނަމަވެސް ލުބުނާނުގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅަށް ރައްދު ދޭނެ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްނުކުރެވޭނެ ކަމަށާއި، އީރާނުން އަޅާފައިވާ އެ ފިޔަވަޅަކީ ދުޝްމަނުން ވެފައިވާ ވަޢުދާ ޚިލާފުވެފައިވާތީ އެ ކަމުގެ ރައްދެއްގެ ގޮތުން އަޅާފަައިވާ ފިޔަވަޅެއް ކަމަށް ބުނެފައެވެ. ލުބުނާނަށް އިތުރު ޙަމަލާތައް ދޭނަމަ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާނެ ކަމަށާއި އެއްބަސްވެފައިވާ ގޮތަށް ޢަމަލުކުރުމަށް ދުޝްމަނުންނަށް މަޖުބޫރުކުރާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.

ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަރަށް އަވަހަށް ސްވިޒަލެންޑަށް ދަތުރުކުރައްވާނެ ކަމަށެވެ. އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުން ނުރޫޅޭނެ ކަމުގެ ޔަޤީން ކަން އޮތް ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ފަރާތުން ޖާރެޑް ކުޝްނާއާއި ސްޓީވް ވިޓްކޮފް މި ވަގުތު ވެސް ތިއްބެވީ ސްވިޒަލެންޑުގައި ކަމަށާއި، މަޝްވަރާތަކާ ގުޅޭ ބައެއް މުހިންމު މަސައްކަތްތައް އެ ބޭފުޅުން ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޭފުޅުންނާ އެންމެ ފަހުން ދެކެވުނު ވާހަކަތަކުން ކަންތައްތައް ކުރިއަށް ދަނީ ރަނގަޅަށް ކަން ދޭހަވި ކަމަށް ވޭންސް އިތުރަށް ވިދާޅުވިއެވެ.