ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއެކު އީރާނުން ސިޔާސީ ބާރުވެރިކަން ޤާއިމުކުރުމާއެކު، ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ސުވިޒަލެންޑަށް ވަޑައިގަންނަވައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރިއްޔާގެ އިސްވެރިޔާ ޢާޞިމް މުނީރު މެދުވެރިވެވަޑައިގަންނަވައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރެއްވި އިބުތިދާއީ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ލުބްނާނަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ވަނީ ހުރްމުޒް އަލުން ބަންދުކޮށްފައިވާ ކަން އިޢުލާނުކޮށްފައެވެ. އެމެރިކާއިން މި ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ވޭންސްއާއެކު މަޝްވަރާތަކުގައި ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވާއިރު، ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމުގައި ކުރިއެރުން ލިބޭނެ ކަމުގައި ވޭންސް އުންމީދުކުރައްވައެވެ. ނަމަވެސް، އީރާނުގެ މުޝީރު މުޙައްމަދު މުޚްބިރާއި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ބާރުއަޅުއްވަނީ އެމެރިކާއިން ވީ ވައުދުތައް ފުރިހަމަކުރުމަށެވެ. އީރާންގެ ތެލާބެހޭ ވަޒީރު މުޙުސިން ޕާކްނީޖާދު ވިދާޅުވީ ހުޅަނގުން އެއްބަސްވުމަށް އިޙުތިރާމްކޮށްފިނަމަ ވުނަކުރުމަށް އީރާން ހުޅުވައިލާނެ ކަމުގައެވެ. އެމެރިކާއިން ބިރުދެއްކުމުގެ ގޮތުން ކަނޑުއޮޅިން ފީއެއް ނަގާނެ ކަމުގައި ބުނި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނީ 17 މިލިޔަން ފީފާގެ ތެލާއެކު 55 އުޅަނދު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމުގައެވެ.
އީރާނާއި އެމެރިކާއިން އެއްބަސްވުމެއްގައި ސޮއިކޮށް، ސީދާ މަޝްވަރާތައް ފެށުމަކީ ޔަހޫދީންނަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަން އިބްރީ ޔުނިވަރސިޓީން ނެގި ޚިޔާލުހޯދުމުގެ ވޯޓަކުން ވަނީ ހާމަވެފައެވެ. އެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، %92 މީހުން ބުނީ، ހަނގުރާމައިގެ ސަބަބުން ފައިދާވީ ތެހްރާނަށް ކަމުގައެވެ. އަދި، %90 މީހުން ބުނީ، ޔަހޫދީ ފައުޖަށް ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައި ނުވާ ކަމަށާއި، ޞަހްޔޫނީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ނާކާމިޔާބުވެފައިވާ ކަމުގައެވެ.
ސްވިޓްޒަލެންޑުގައި ކުރިއަށްދާ މަޝްވަރާގައި އީރާން ތަމްސީލުކުރައްވަނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާނަށް ނިރުބަވެރި ޙަމަލާތައް އަމާޒުކުރަމުންނެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ މާރިޗު 2 އިން ފެށިގެން ދީފައިވާ ޚަމަލާތަކުގައި 4،057 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނާއި އަންހެނުން ގިނައެވެ. ރައްދު ޙަމަލާތަކުގައި ލުބްނާންގެ މުޖާހިދުން ވަނީ ޔަހޫދީ ސިފައިންގެ 32 މީހުންނާއި ޢާންމުންގެ ހަތަރު މީހުން މަރައިލާފައެވެ.