ޚަބަރު

ކޮންގޯގެ ކޭމްޕަކުން އިބޯލާގެ އިތުރު 30 މަރު


ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކިގޮންޒޭ ރެފިއުޖީ ކޭމްޕުގައި އިބޯލާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު 30 މީހުން މަރުވުމާއެކު، އެ ތަނުގައި ހަލުވިކަމާއެކު މި ނުރައްކާތެރި ބަލި ފެތުރެމުންދާ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. މީގެ ތެރެއިން ބައެއް މީހުން މަރުވީ އިބޯލާ ޖެހިގެންކަން ލެބޯޓަރީ ޓެސްޓުތަކުންވަނީ ކަށަވަރު ކުރެވިފައެވެ. މި މަރުތަކާއެކު ކޮންގޯގެ އިރުމަތީގައި ގެދޮރު ގެއްލިފައިވާ ފަސް މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ތެރޭގައި، މި ނުރައްކާތެރި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރިދާނެތީ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މަރުވި މީހުންގެ ކިބައިން ބޮލުގައި ރިހުމާއި، ހުންްއައުމާއި، އަދި ހޮޑުލުން ފަދަ އިބޯލާގެ އަލާމާތްތައް ފެނިފައިވާ ކަމުގައި ކޭމްޕުގެ އޮފިޝަލުން ބުންޏެވެ. ނަމަވެސް، ބަލިމީހުންނާއި ޢާއިލާތަކުން ޓެސްޓުކުރުމަށް ދެކޮޅުހަދަމުން ދިޔުމާއެކު ގިނަ ބަޔަކު މަރުވި ސަބަބު ދެނެގަތުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ހުސްވި ހަފުތާގައި އެކަނި ވެސް އެ ކޭމްޕުން 10 މީހުން މަރުވި ކަމުގައި އޮފިޝަލުން ހާމަކުރިއެވެ. މިއީ، އާދަޔާ ޚިލާފަށް އިތުރު އަދަދެއް ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެ މީހުންގެ ހަށިތައް ޓެސްޓުކުރުމަށް ޢާއިލާތަކުން ދަނީ އިންކާރު ކުރަމުންނެވެ.

މޭ މަހުން ފެށިގެން ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ފެތުރެމުންދާއިރު، އެ ޤައުމަށް އެމެރިކާއިން ފޯރުކޮށްދެމުންދިޔަ މާލީ އެހީތެރިކަން ރައީސް ޑޮނަލްޑް ޓްރަމްޕް މެދުކަނޑައިލެއްވުމުގެ ސަބަބުން، އެ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައި ޞިއްޙީ މާހިރުން އިންޒާރުކުރިއެވެ. އެމެރިކާއިން މާލީ އެހީ ކަނޑައިލާފައި ވަނީ ސާފުތާހިރުވުމާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ދޭ އެހީތަކެވެ. އެކުވެރި ދައުލަތްތަކުން (އދ) ބުނީ، ކޮންގޯގެ ރެފިއުޖީ ކޭމްޕުތަކުގައި ފާޚާނާތައް ބިނާކޮށް، ބެލެހެއްޓުމަށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ 38 މިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައިވާ ކަމުގައެވެ. މި އަހަރު ގެދޮރުނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކޮށްފައިވާ 80 މިލިޔަން ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ އޭގެ އެންމެ %21 އެވެ.

ކިގޮންޒޭ ކޭމްޕަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ، ކުޑަ ސަރަޙައްދެއްގައި ގިނަ އަދަދެއްގެ ފޭލިގެތައް ޖަހާފައިވާ ކޭމްޕެކެވެ. އެ ތަނުގައި ބޭނުންކުރާ ވަގުތީ ފާޚާނާތަކަކީ ވަރަށް އަވަހަށް ފުރޭ، އަދި ހުސްކުރަން ޖެހޭ ތަންތަން ކަމުގައި ކޭމްޕުގެ އޮފިޝަލުން ބުންޏެވެ. އެމެރިކާއިން ކޮންގޯއަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަން ކަނޑައިލުމުން، ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަރސީ ކޯ ފަދަ ޖަމުޢިއްޔާތަކުން ހިންގަމުން ދިޔަ ގިނަ މަޝްރޫޢުތަކަކަށް ވަނީ ހުރަސްއެޅިފައެވެ. މީގެ ކުރިން އެ ޖަމުޢިއްޔާއިން ދިޔައީ 125,000 އަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދެމުންނެވެ. ނަމަވެސް، މިހާރު އެ މަޝްރޫޢަށް ހުރަސްއެޅިފައިވާ ކަމުގައި އޮފިޝަލުން ހާމަކުރިއެވެ. ސާފު ބޯފެން ލިބޭނެ ގޮތަކާއި ގައިންތާހިރުވާނެ ރައްކާތެރި ގޮތެއް ނެތުމުގެ ސަބަބުން ކިގޮންޒޭ ކޭމްޕުގައި ހަލުވިކަމާއެކު ބަލިތައް ފެތުރެމުން ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އެހީދޭ ޖަމުޢިއްޔާތަކުން ބުންޏެވެ.