އެންމެ ފުރަތަމަ އިސްކަންދޭންވާނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަލާމަތަށް ކަމަށް ގަބޫލް ކުރާކަމަށް ފަރަންސޭސިވިލާތުގެ ކޯޗު ޑިޑިއަރ ޑޭޝޯމްޕް ހާމަކޮށްފިއެވެ.
ޑޭޝޯމްޕް މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ފިލަޑެލްފިއާގައި ރޭ ކުޅުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އައި ގައި ފަރަންސޭސިވިލާތާއި އިރާޤް ބައްދަލުކުރި މެޗުގެ ހާފް ޓައިމްގައި މާބޮޑަށް މޫސުން ގޯސް ވުމުގެ ސަބަބުން މެޗު މެދު ކަނޑާލަން ޖެހުމާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އޭނާ ހާމަކުރިގޮތުގައި މިއީ ބޯކޮށް ވާރޭ ވެހި މޫސުން ގޯސް ވުމުގެ ސަބަބުން މެޗެއް މެދު ކަނޑާލުމުގެ ހާދިސާ އަކާއި އޭނާއަށް ކުރިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ. މެޗު ފެށުން ލަސްވާތީ ކޮށްމެވެސް ވަރަކަށް ކަންބޮޑުވުން ހުރި ނަމަވެސް އޭނާ އާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ހަމަޖެހިގެން ކަމަށާއި މިއީ ހިތްހަމަ ނުޖެހޭންވީ ކަމެއް ނޫން ކަމަށެވެ.
ޑޭޝޯމްޕް ބުނީ ފުރަތަމަ ކަމަކަށް ވާންވާނީ ސަލާމަތީ ކަންތައްތައް ކަމަށާއި މިއީ ގުދުރަތީ ކަމެއްކަމުން މިކަމުގައި އެއްވެސް މީހަކު ކުއްވެރިކޮށް ވާހަކަ ދެއްކުމުގެ ތަނެއް ނެތް ކަމަށެވެ. އަދި މިފަދަ ކަމެއް ދިމާވުމުން އޮންނާނީ އެކުޅޭ ތަނެއްގައި ގެންގުޅޭ އުސޫލްތަކާއި އެއްކޮަށް އަމަލުކުރުން ކަމަށާއި އެކަމަށް އޭނާގެ ފުރިހަމަ އިހްތިރާމް އެބައޮތް ކަމަށެވެ. ނަމަވެސް މިފަދަ ހާދިސާއެއް އިތުރަށް ދިމާވުމަށް ނޭދޭ ކަމަށްވެސް ފަރަންސޭސި ކޯޗު ފާހަގަ ކުރިއެވެ.
ޑޭޝޯމްޕް ބުނީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި މެދު އޭނާގެ އެއްވެސް ކަންބޮޑު ވުމެއް ނެތް ކަމަށެވެ. އަދި ފުރަތަމަ ދުވަހުވެސް ބުނިގޮތަށް އޭނާ ޓީމުގައި ހުރީ ލަނޑު ޖެހުމަށްޓަކައި ކަމަށާއި އޭނާ އެކަން ކުރާހާ ހިނދަކު ވިސްނަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ޑޭޝޯމްޕް ފާހަގަ ކުރިއެވެ.
ކެޕްޓަނެއްގެ ހައިސިއްޔަތުންވެސް އެމްބާޕޭ އަންނަނީ ދަނޑާއި ދަނޑުން ބޭރުގައި ޒިންމާރު ރޯލެއް އަދާކުރަމުން ކަމުގައި ޑޭޝޯމްޕް ފާހަގަ ކުރިއެވެ. އަދި ފަހު މެޗު ވެގެންދާނީ ގްރޫޕްގެ އެއްވަނަ ލިބޭ ޓީމެއް ކަނޑައެޅިގެންދާނެ މެޗަށް ކަމުން އެމެޗަށް ފުރިހަމައަށް ތައްޔާރުވުމުން މުހިންމު ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
އިރާގްގެ ކޯޗު ގްރަހަމް އާނޯލްޑްވެސް ހާމަކުރިގޮތުގައި މިހާ ގިނައިރަށް މޫސުން ގޯސްވެގެން މެޗު މެދު ކަނޑާލުމުގެ ހާދިސާއަކާއި ކުރިމަތިވެފައިނުވާކަމަށެވެ. އަދި ދެ ގަޑިއިރަށް މެޗު މެދު ކެނޑިގެން ދިއުމުގެ ސަބަބުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ކުރި ކަމަށެވެ. ނަމަވެސް މިމެޗުގައި އޭނާގެ ކުޅުންތެރިންވަނީ ދުނިޔޭގެ އެންމެ ކުރީސަފުގައި ގުނާލެވޭ ޓީމަކާއި ދެކޮޅަށް ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭކަން ފާޅުކޮށްފައެވެ.