ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އިތުރުކޮށްފިއެވެ. މިގޮތަށް އިތުރުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެމްއެމްއޭއިން އާންމުކޮށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު %25 މިއަދުން ފެށިގެން ވަނީ އިތުރުކޮށްފައެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމްއެމްއޭއިން ވިދާޅުވީ މިއަދުން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް %25 އިތުރުކުމަށް ނިންމާފައިވާކަމަށެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރި ކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %72 އިތުރުވެފައެވެ. ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއަށާއި، ތަޢުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތައްކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތަޢުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %78 އިތުރުވެފައެވެ.
ހަމައެހެންމެ ރާއްޖެއަށް ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވަނީ %30 އިތުރުވެފައެވެ.