ޚަބަރު

ޔަހޫދީންނާއެކު އެކުލަވައިލި އެއްބަސްވުން ބަލައިގަންނަން ޙިޒްބުالله ދެކޮޅު


އެމެރިކާ މެދުވެރިވެގެން ލުބްނާންގެ ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު އެކުލަވައިލި ސަލާމަތީ އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސް ފަހުން، އެ އެއްބަސްވުން ބަލައިގަނެވެން ނެތް ކަމުގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ ވެރިޔާ ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ޔަހޫދީންނާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާއެކު ލުބްނާން ސަރުކާރުން ވަނީ ޔަހޫދީންގެ ކުރިމަތީގައި "އަމާންދީ" ނިކަމެތިވެގަނެފައެވެ. ލުބްނާންގެ ޝިޔަޢީ މަޛްހަބުގެ މީހުންގެ މި އެއްބަސްވުމާމެދު ނުރުހުން ފާޅުކުރަމުންދާއިރު، ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީ ވެސް ވަނީ، މިއީ ވަކި ކޮޅަކަށް ބުރަވެފައިވާ އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރައްވައި، އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފޭބުމާއި، ޙިޒްބުالله އިން ހަތިޔާރު ބެހެއްޓުމާ ގުޅުވާފައިވާތީ ޤާސިމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މީގެ ސަބަބުން ޔަހޫދީން އެ ޤައުމުގައި ދެމިތިބުމަށް ޤާނޫނީ ޞައްޙަކަމެއް ލިބޭ ކަމަށާއި، ލުބްނާންގެ ފަސްގަނޑުގައި ޔަހޫދީ ސިފައިން ތިބިހާ ހިނދަކު، ދިފާޢީ ޙަރަކާތްތައް ހުއްޓައިނުލާނެ ކަމުގައެވެ. ނަމަވެސް، ޔަހޫދީ ސަރުކާރުން ދަނީ އެއްބަސްވުމާ ތަޢުރީފު ކުރަމުންނެވެ. އަދި، ޞަހްޔޫނީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ، އެއްބަސްވުމުގެ ދަށުން ލުބްނާންގެ އަސްކަރިއްޔާއާ ޙަވާލުކުރުމަށް ނިންމާފައި ވަނީ ވަރަށް ކުޑަ ސަރަޙައްދެއް ކަން ފާހަގަކޮށް، އެ ކަމާމެދު އުފާފާޅުކޮށްފައެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ލުބްނާން ސަރުކާރާއި ޔަހޫދީ ސިފައިން މީގެ ކުރިން ތަކުރާރުކޮށް އެއްބަސްވެފައިވީ ނަމަވެސް، ޖޫން 27 ވަނަ ދުވަހު ވެސް ޔަހޫދީ އިސްތިޢުމާރީ ސިފައިން ވަނީ ލުބްނާންގެ ނަބަޠިއްޔާއަށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. މާރިޗު 2 ވަނަ ދުވަހު ޔަހޫދީ ސިފައިން އަރައި ލުބްނާންގެ ދެކުނުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަކުރުމާ ގުޅިގެން މިލިޔަނެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ. އަދި، އެނބުރި ވަޒަނަށް ދިޔުމަށް ޔަހޫދީ ސިފައިން ދަނީ އެ މީހުންނަށް ހުރަސް އަޅަމުންނެވެ.

ޙިޒްބުالله ގެ އިތުރުން އީރާނުން ވެސް ބުނީ، އެމެރިކާއާއި އީރާނާ ދެމެދު މީގެ ދެ ހަފުތާ ކުރިން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމުގެ ދަށުން ލުބްނާނަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓުމަކަށް ގެންނަންޖެހޭނެ ކަމުގައެވެ. އަދި، އެ ކަން ތަންފީޒުކުރުމަކީ އެމެރިކާގެ ޒިންމާއެއެއް ކަމުގައެވެ. އެ އެއްބަސްވުމުގެ ދަށުން ލުބްނާންގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކޮށްދޭ ކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، ޙަމަލާތައް ހުއްޓައިލުމުގެ އަސާސަކަށް ބަލަންޖެހޭނީ އެ އެއްބަސްވުން ކަމުގައެވެ.