ކުޅިވަރު

ކުޅުންތެރިއަކު މަދުކޮށް ކުޅެ، އެމެރިކާ ގަދަ 16 އަށް!


  • ބޮސްނިޔާގެ މައްޗަށް އެމެރިކާ ކުރިހޯދީ 2-0 ން

މެޗުގެ ދެވަނަ ހާފްގެ ބޮޑު ބައި ކުޅުންތެރިއަކު މަދުކޮށް ކުޅެ، ފީފާ ވަރލްޑްކަޕްގެ ގަދަ 16 އަށް އެމެރިކާ ދަތުރުކޮށްފިއެވެ.

މުބާރާތް ބާއްވާ އެއް ގައުމު އެމެރިކާ ގަދަ 16 ޓީމްގެ ތެރޭގައި ހިމެނުނީ ބޮސްނިޔާއާ ވާދަކުރި މެޗު 2-0 ން ކާމިޔާބުކޮށްގެންނެވެ. ދެވަނަ ހާފް ފަށައިގެން 19 ވަނަ މިނިޓްގައި މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކަށް ބަލޮގަން އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުން ބޮޑު ބައެއް އެމެރިކާ ކުޅެން ޖެހުނީ ކުޅުންތެރި އަކު މަދުކޮށެވެ. ވީއޭއާރުން ބެލުމަށްފަހު ބަލޮގަން އަށް ރަތްކާޑް ދެއްކިއިރު، އެމެރިކާ ކުރީގައި އޮތީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އޭނާ ޖެހި ލަނޑުންނެވެ. ލަނޑު ޖެހީ ޓިލްމަން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެމެރިކާގެ ދެވަނަ ލަނޑު ޖެހީވެސް ޓިލްމަން އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފައެވެ.

މެޗުގައި އެމެރިކާއިން ފުރަތަމަ ހާފްގައި ލަނޑު ޖެހުމުގެ ކުރިންވެސް ބަލޮގަން ބޮސްނިޔާ ގޯލް ފޫއަޅުވާލުމަށްފަހު އުފާފާޅުކުރިއެވެ. އެކަމަކު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ބޯޅަ ގޯލަށް ވަނުމާއެކު ލައިސްމަން ހުރީ ދިދަ ނަގައިގެންނެވެ. އަދި ދެވަނަ ހާފްގައި ޕުލިސިޗް ގޯލަށް ފޮނުވާލި ބޯޅައަށްފަހު އުފާފާޅުކުރިއިރުވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އެމެރިކާގެ ކުޅުންތެރިއަކު މަދުވިނަމަވެސް ބޮސްނިޔާއަށް ލަނޑު ޖަހަން ފުރުޞަތު ނުހޯދި، އެމީހުންގެ ދެވަނަ ވަރލްޑްކަޕް ގަދަ 32 ޓީމްގެ ތެރޭގައި ހިމެނި ނިންމާލަން ޖެހުނެވެ.

ގަދަ 16 ޓީމް ވާދަކުރާ ބުުރުގައި ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ ވާދަކުރާނީ ބެލްޖިއަމްއާއެވެ.