ޚަބަރު

ވެޓަރެންސް ޓީމު ތަށްޓާއެކު މާލެއަށް


  • ސީނިއާ ކްރިކެޓާސް ކުލަބުންވަނީ މުބާރަތުގެ ތަށި މިލްކުކޮށްފައި

  • ޓީމުގެ ތިން ކުޅުންތެރިޔަކަށް ވަނީ ފަޚުރުވެރި ވަނަތަކެއް ލިބިފައި

ތައިލޭންޑުގެ ޕުކެޓްގައި ކުރިއަށްދިޔަ ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތުގައި ވާދަކޮށް ވިދިވިދިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ ތަށި މިލްކުކުރި ރާއްޖޭގެ ސީނިއާ ކްރިކެޓާސް ކުލަބް މާލެ އަތުވެއްޖެއެވެ.

ފަޚުރުވެރި މި ކާމިޔާބީއާއެކު އައި ވެޓަރަންސް ޓީމަށް އެއަރޕޯޓުގެ ވީއައިޕީއިން މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލާއި ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އާސިމްގެ އިތުރުން ކުރިކެޓް ބޯޑުގެ އިސްވެރިންނެވެ.

ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތުގެ ތަށި ސީނިއާ ކްރިކެޓާސް ޓީމް 1 އިން ކަށަވަރުކޮށްފައިވަނީ 6 ވިކެޓުން ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމް 2 ފައިނަލުގައި ބަލިކޮށްގެންނެވެ.

ސީނިއާ ކްރިކެޓާސް ޓީމް 1 އިން މުބާރާތުގެ ތަށި މިލްކުކޮށްފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. މިމުބާރާތުގެ އިތުރު ވަނަތަކެއްވެސް ރާއްޖޭގެ ޓީމަށް ލިބިފައިވެއެވެ. އެއީ އެންމެ މޮޅު ވެޓެރަންސް ބޯލަރގެ މަގާމް ހޯދި އިސްމާއިލް އަނިލްއާއި، އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިޔާގެ މަގާމް ހޯދި މޫސާ ކަލީމްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ސުޕާ ވެޓަރަންސް ކުޅުންތެރިޔާގެ މަގާމް ހޯދި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު އިސްހާގުއެވެ.

ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތް ކުރިއަށްދިޔައީ 35 އަހަރުންމަތި، 50 އަހަރުންމަތި އަދި 60 އަހަރުންމަތީގެ ޓީމުތައް ވާދަކުރާގޮތަށެވެ. މި ތިން ކެޓެގެރީގައިވެސް ރާއްޖެއިން ވާދަކުރިއިރު، ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ 50 އަހަރުންމަތީގެ ޓީމާއި 35 އަހަރުންމަތީގެ ޓީމުވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.